މޯލްޑިވްސް އިމިގްރޭޝަނުން ކުރިއަށްގެންދާ ”މައިގްރޭޝަން މޮނިޓަރިން އެންޑް ކޮމްޕްލަޔަންސް ޕްރޮގްރާމް“ (އެމްއެމްސީޕީ) ގެ ދަށުން މާލެއާއި ހުޅުމާލޭގައި ހިންގި ހާއްސަ އޮޕަރޭޝަނެއްގައި، ގަވާއިދާ ހިލާފަށް އުޅުނު ހަތް ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
އިމިގްރޭޝަނުން ހާމަކޮށްފައިވާ ގޮތުގައި، އިއްޔެ ކުރިއަށްދިޔަ މި އޮޕަރޭޝަނުގައި މާލެއާއި ހުޅުމާލޭގެ އެކި ސަރަހައްދުތަކުން ޖުމްލަ 68 ބިދޭސީން ހުއްޓުވައި، އެމީހުންގެ ލިޔެކިޔުންތައް ވަނީ ޗެކްކޮށްފައެވެ.
މި މަސައްކަތުގެ ތެރެއިން ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅެމުންދިޔަ ހަތް މީހަކު ވަނީ ހައްޔަރުކޮށްފައެވެ.
ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ސަރުކާރާއި އިމިގްރޭޝަން ގުޅިގެން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ބިދޭސީންގެ މައުލޫމާތު އެއްކުރުމަށް ހިންގާ ”އޮޕަރޭޝަން ކުރަނގި“ ގެ ދަށުން މިހާތަނަށް ދެ ލައްކަ ދެ ހާހަށްވުރެ ގިނަ ބިދޭސީންގެ މައުލޫމާތު ވަނީ އެއްކުރެވިފައެވެ.
ސަރުކާރުން ވަނީ އަންނަ އަހަރުން ފެށިގެން ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ފެނިއްޖެނަމަ، އިތުރު ފުރުސަތަކާ ނުލައި ޑީޕޯޓު ކުރާނެ ކަމަށް އިއުލާންކޮށްފައެވެ.




