ދިރާގުގެ ”ވިން އަ ސްޕީޑް ބޯޓު ޕްރޮމޯޝަން“ ގެ ދަށުން ދިނުމަށް ނިންމާފައިވާ ދެވަނަ ސްޕީޑްބޯޓުގެ ނަސީބުވެރިޔާ ހޮވައިފިއެވެ.
މިއަދު އާޓިފިޝަލް ބީޗުގައި ބޭއްވި ހާއްސަ ހަރަކާތެއްގައި، ދިރާގުން ސްޕީޑް ބޯޓުގެ ނަސީބުވެރިޔާ ހޮވިއިރު، ނަސީބުވެރިއަކަށް ހޮވުނީ އިމާރާތް ކުރުމުގެ ދާއިރާގެ ފަންނީ ބޭފުޅެއް އަދި ބޭންކް އޮފް މޯލްޑިވްސްގެ އިސް މުވައްޒަފެއް ކަމަށްވާ މުހައްމަދު ޔޫސުފްއެވެ.
މި ޕްރޮމޯޝަންގެ ފުރަތަމަ ނަސީބުވެރިޔާ ހޮވާފައިވަނީ މިއަހަރުގެ ޖަނަވަރީ މަހުގެ ތެރޭގައެވެ.
ދިރާގުން ބުނި ގޮތުގައި، ނަސީބުވެރިން ހޮވުމުގެ މަރުހަލާ ކުރިއަށް ދިޔައިރު މިނިވަން އޮޑިޓް ފާމެއް ކަމަށްވާ ނެކްސިއާ މޯލްޑިވްސްއިން ވަނީ އެ މަސައްކަތް ވަރަށް ގާތުން ބަލައި މޮނިޓަރ ކޮށްފައެވެ.
ދިރާގުގެ ޑިރެކްޓަރ ބްރޭންޑް އެންޑް މާކެޓިންގ ކޮމިއުނިކޭޝަންސް މުޙައްމަދު މިރްޝާން ޙަސަން ވިދާޅުވީ، ދިރާގުގެ މަޤްސަދަކީ ހަމައެކަނި ޑިޖިޓަލް ވަސީލަތްތައް ބޭނުންކޮށްގެން ކަސްޓަމަރުންގެ ދިރިއުޅުން ފަސޭހަކުރުން ނޫން ކަމަށެވެ. މީގެ އިތުރުން ކަސްޓަމަރުންނާ ގުޅޭ މުހިންމު ޕްރޮމޯޝަންތައް ގެނެސްދިނުމަކީވެސް އެ ކުންފުނީގެ އަމާޒެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
”ދިރާގުގެ ހުރިހައި ކަސްޓަމަރުންނަށްވެސް ދޭ އިތުބާރަށް ޝުކުރު އަދާކުރަން. ރަނގަޅު ފެންވަރުގެ ޕްރޮމޯޝަންތައްވެސް ގެނެސްދޭނަން. މިހާރު މި ގެނެސްދޭ ޕްރޮމޯޝަންތަކަކީވެސް ރާއްޖޭގައި ފާހަގަކޮށްލެވޭ ޕްރޮމޯޝަންތަކެއް. ކަސްޓަމަރުންގެ ދިރިއުޅުމަށް މީގެ ސަބަބުން ފުރިހަމަ ބަދަލެއް ގެނެސްދެވޭނެ ކަމަށް އުންމީދުކުރަނީ،“ މިރުޝާން ވިދާޅުވިއެވެ.
މި ޕްރޮމޯޝަންގެ ދަށުން ނަސީބުވެރިންނަށް ދެނީ އަލް ޝާލީ މެރިން ކެނެރީ 28 މޮޑެލްގެ ސްޕޯޓްސް ސްޕީޑު ބޯޓުތަކެކެވެ. މިއީ އެކި ކަންކަމަށް ބޭނުންކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ، 250 ހޯސްޕަވަރުގެ ޔަމަހާ އިންޖީނު އަޅާފައިވާ ބޯޓުތަކެކެވެ. ދިރާގުން ހާމަކުރި ގޮތުގައި މިއިން ކޮންމެ ބޯޓަކީ 1.1 މިލިޔަން ރުފިޔާގެ އަގުހުރި ބޯޓެކެވެ.
ދިރާގުން ބުނިގޮތުގައި، ވޭތުވެދިޔަ އަހަރުތަކުގައި އެ ކުންފުނިން ކުރިއަށް ގެންދިޔަ ”ވިން އަ ޓެސްލާ“ އަދި މިހާރު ކުރިއަށްދާ ”ވިން އަ ސްޕީޑްބޯޓު“ ޕްރޮމޯޝަނަށް ކަސްޓަމަރުންގެ ފަރާތުން ވަރަށް ބޮޑު ތަރުހީބެއް ލިބެމުންދާ ކަމަށެވެ.



