ހަކުރު ބައްޔަށް އާންމުންގެ ހޭލުންތެރިކަން އިތުރުކުރުމުގެ މަގުސަދުގައި، އައިޖީއެމްއެޗްގެ ނޭޝަނަލް ޑައިބެޓިކް ސެންޓަރުން އިންތިޒާމްކޮށްގެން ހަކުރު ބަލީގެ ސްކްރީނިން ހަރަކާތެއް މިއަދު ކުރިއަށްގެންގޮސްފިއެވެ.
މިއަދު ހަވީރު 4 އިން 6 އަށް ސޯޝަލް ސެންޓަރުގައި ކުރިއަށްގެންދިޔަ މި ހަރަކާތަށް އާންމުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބިފައިވެއެވެ.
މި ހަރަކާތުގެ ތެރެއިން އާންމުންނަށް ގިނަ ޚިދުމަތްތަކެއް ވަނީ ފޯރުކޮށްދީފައެވެ. އެގޮތުން އިސްކޮޅާއި، ބަރުދަން އަދި ބީއެމްއައި ބެލުމުގެ އިތުރުން، ލޭގެ ޕްރެޝަރާއި ހަކުރު ޗެކްކުރުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. މީގެ އިތުރުން ސިއްހީ ގޮތުން ފައިދާހުރި ކާނާއާ ބެހޭ މައުލޫމާތު ހިއްސާކުރުމާއި، ހަކުރު ބައްޔާ ގުޅޭގޮތުން ޑޮކްޓަރުންގެ ލަފަޔާއި އިރުޝާދު ހޯދުމުގެ ފުރުސަތުވެސް ވަނީ ފަހިކޮށްދީފައެވެ.
މި ހަރަކާތާ ގުޅޭގޮތުން ދައުލަތުގެ މީޑިއާ ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން ނޭޝަނަލް ޑައިބެޓިކް ސެންޓަރުގެ ސީނިއަރ ކޮންސަލްޓަންޓް އިން މެޑިސިން ޑރ. މޫސާ މުރާދު ވިދާޅުވީ، މިއީ ހަކުރު ބައްޔަށް ފަރުވާ ހޯދާ މީހުންނަށް ބޭނުންވާ ސިއްހީ މައުލޫމާތު ފޯރުކޮށްދީ ހޭލުންތެރިކަން އިތުރުކުރުމަށް ކުރިއަށްގެންދިޔަ ހަރަކާތެއް ކަމަށެވެ.
”ސްކްރީނިން ޕްރޮގްރާމެއްގެ ގޮތުގައި އަޅުގަނޑުމެން މި ޕްރޮގްރާމް ކުރިއަށްމިގެންދަނީ. މިތަނުން ސްކްރީންވާ ބަލިމީހުންނަށާއި، މިހާރުވެސް ހަކުރު ބައްޔަށް ފަރުވާ ހޯދާ މީހުންނަށް ބޭނުންވާ ސިއްހީ މައުލޫމާތު ދިނުމާއެކީގައި،“ ޑރ. މުރާދު ވިދާޅުވިއެވެ.
ޑރ. މުރާދު އިތުރަށް ވިދާޅުވީ، މާލޭގެ އިތުރުން ރާއްޖޭގެ އެކި ހިސާބުތަކުގައި މިފަދަ ހަރަކާތްތައް ކުރިއަށްގެންދިއުމަކީ އެ ސެންޓަރުގެ އަމާޒެއް ކަމަށެވެ. މި ހަރަކާތުގެ ތެރޭގައި ކުޑަކުދިންނަށް ހާއްސަކޮށްގެންވެސް ތަފާތު ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައިވާކަން ފާހަގަކުރެވެއެވެ.
ނޭޝަނަލް ޑައިބެޓިކް ސެންޓަރަކީ ހަކުރު ބައްޔަށް އާންމުންގެ ހޭލުންތެރިކަން އިތުރުކޮށް، ރާއްޖޭގައި ހަކުރު ބަލީގެ ހާލަތު ދެނެގަނެ، އެ ބަލި ހުންނަ މީހުންނަށް ބޭނުންވާ ފަރުވާ ފޯރުކޮށްދިނުމަށް ހާއްސަ ސެންޓަރެކެވެ.




