ރާއްޖޭގައި އަށަގަނެފައި އޮތް ޓިއުޝަންގެ ސަޤާފަތް ދޫކޮށްލާ، މިހާރަށް ވުރެ ބޮޑަށް ދަރިވަރުންގެ އުނގެނުމަށް ދަރިވަރުން ޒިންމާވާންޖެހޭ ކަމަށް، އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވެއްޖެއެވެ.
ހުޅުމާލޭ ސީއެޗްއެސްސީ ހޯލުގައި ބޭއްވި މަތީ އަރުތަވެރިންގެ އިނާމް 2025 ދިނުމުގެ ރަސްމިއްޔާތުގެ ފުރަތަމަ ދަންފަޅީގައި ވާހަކަފުޅުދައްކަވަމުން، މިނިސްޓަރ ޝަފީޢު ވިދާޅުވީ ރާއްޖޭގައި ދަރިވަރުންނަށް އުނގަންނައިދިނުމަށް ޓިއުޝަނަށް ބަރޯސާވުމުގެ އާދަ އަށަގަނެފައިވާކަމަށެވެ. އަދި ބައެއް ދަރިވަރުން 4-6 ގަޑިއިރު ހޭދަކުރަނީ ޓިއުޝަންކަން ވަޒީރު ފާހަގަކުރެއްވިއެވެ.
މަދަރުސާއިން ބޭރުން ކުދިންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދޭންވާނީ ސްކޫލުގައި އުނގެނުމުން ކުދިން ދުރުނުވާނެ ގޮތަކަށް ވިސްނައިގެންކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. އަދި އަމާޒަކަށް ވާންވާނީ ތަޢުލީމީ ނިޒާމުގެ ތެރެއިން ދަރިވަރުންނަށް ފޯރުކޮށްދޭ ތަޢުލީމަށް ބަރޯސާވެވޭ މިންވަރަށް އުނގަންނައިދިނުމުގެ ފެންވަރު ރަނގަޅުކުރުމަށް ކަމަށްވެސް ވިދާޅުވިއެވެ.
ހަމައެކަނި ޓިއުޝަނާއި އުނގެނުމުގައި ދަރިވަރުންގެ ވަގުތުތައް ނަގާލުމަކީ ދަރިވަރުންގެ ދުޅަހެޔޮކަމަށް ނޭދެވޭ އަސަރު ފޯރާކަމެއްކަމަށް އެޑިއުކޭޝަން މިނިސްޓަރު ވަނީ ވިދާޅުވެފައެވެ. ދަރިވަރުންގެ ވަގުތު މެނޭޖުކުރަން ދަސްކޮށްދިނުމާއި، ހިތްހަމަޖެހޭ ކަންކަމުގައި ވަގުތު ހޭދަކުރުމަކީ ދަރިވަރުންނަށް އެންމެ ރަނގަޅުގޮތްކަމަށް ދިރާސާތަކުގެ އަލީގައި މިނިސްޓަރު ވަނީ ފާހަގަކުރައްވާފައެވެ.
”އެހާ ގިނަ ވަގުތު ގޭތެރެއިން ނެގޭކަމަށް ވާނަމަ. އޭގެ އަސަރު ދަރިވަރުންގެ ދުޅަހެޔޮކަމަށް ކުރާނެ. ނަފްސާނީ ދުޅަހެޔޮކަމަށް އަސަރުކުރާނެ.“ މިނިސްޓަރު ޝަފީޢު ވިދާޅުވިއެވެ.



