ފެނަކަ ކޯޕަރޭޝަނާ ހަވާލުކޮށްފައިވާ ގިނަ މަޝްރޫއުތަކުގެ އަމަލީ މަސައްކަތް މިއަހަރުގެ ތެރޭގައި ފަށައި، މިއަހަރާއި އަންނަ އަހަރުގެ ތެރޭގައި އެ މަސައްކަތްތައް އެއްކޮށް ނިންމާލުމަށް މަސައްކަތް ކުރަމުންދާ ކަމަށް އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު އަފީފު ޙުސައިން ވިދާޅުވެއްޖެއެވެ.
ދިވެހިރާއްޖޭގެ އަޑުގެ ”އަހާށޭ ބުނާނަން“ ޕްރޮގްރާމުގައި ވާހަކަދައްކަވަމުން އަފީފް ވިދާޅުވީ، ސަރުކާރުން އެ ކުންފުންޏާ ޖުމްލަ 217 މަޝްރޫއެއް ހަވާލުކޮށްފައިވާ ކަމަށެވެ.
މީގެ ތެރެއިން ބައެއް މަޝްރޫއުތަކުގެ އަމަލީ މަސައްކަތް އަދި ފެށިފައި ނުވި ނަމަވެސް، ކުންފުނީގެ އަމާޒަކީ ސައިޓުތަކުގެ ތައްޔާރީތައް ނިންމައި ވީހާވެސް އަވަހަށް މަސައްކަތް ފެށުމެވެ. އެގޮތުން އާ މެނޭޖުމަންޓުން ހަވާލުވި ފަހުން ވޭތުވެދިޔަ ދެ މަސް ދުވަހުގެ ތެރޭގައި 6 ސައިޓެއްގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ.
މަޝްރޫއުތައް ކުރިއަށް ގެންދިއުމުގައި ދިމާވާ ގޮންޖެހުންތަކާ ގުޅޭގޮތުން ވާހަކަދައްކަވަމުން އެމްޑީ ވިދާޅުވީ، ކޭޝްފްލޯ ނުވަތަ ފައިސާގެ ދަތިކަން ހުރި ނަމަވެސް، މަސައްކަތްތައް ބާރު ސްޕީޑުގައި ކުރިއަށް ގެންދަން އަމާޒު ހިފާފައިވާ ކަމަށެވެ.
”އަޅުގަނޑުމެން ހުރިހާ ޕްރޮޖެކްޓަށްވެސް މިހިރީ ލާރިތަކެއް ކަނޑައަޅައި ބާރު ސްޕީޑުގައި ކުރިއަށް ގެންދަން ތައްޔާރުވެފައި. ގާތްގަނޑަކަށް މިއަހަރު ތެރޭގައި ހުރިހާ ސައިޓެއްގެ މަސައްކަތް ފެށޭތޯ މި ބަލަނީ،“އަފީފް ވިދާޅުވިއެވެ.
މީގެ ކުރިން މަޝްރޫއުތައް ކުރިއަށް ގެންދިޔަ ގޮތުން ބައެއް ގެއްލުންތައް ވެފައިވާކަން ފާހަގަކުރައްވަމުން އަފީފް ވިދާޅުވީ، ސައިޓުތަކަށް ބޭނުންވާ ތަކެތި ގެނައުމުގައި ތަރުތީބެއް ނެތުމުގެ ސަބަބުން ތަކެތި ހަލާކުވުމުގެ މައްސަލަތައް ދިމާވެފައިވާ ކަމަށެވެ. އެގޮތުން ފައުންޑޭޝަން އެޅުމުގެ ކުރިން ފުރާޅު އެޅުމަށް ބޭނުންވާ ސާމާނު ގެނައުމުން އެތަކެތި ގިނަ ދުވަހު ބޭރުގައި ހުރެ ހަލާކުވާކަން އޭނާ ފާހަގަކުރެއްވިއެވެ. ނަމަވެސް މިހާރު މަސައްކަތް ކުރަމުންދަނީ އެފަދަ ކަންކަން އިސްލާހުކޮށް، ހުއްޓިފައި ހުރި މަޝްރޫއުތައް ހަލުވިކަމާއެކު ނިންމުމަށެވެ.
ފެނަކައިގެ އެމްޑީ އިތުރަށް ވިދާޅުވީ، މަސައްކަތްތައް ލަސްވާނަމަ ރައްޔިތުންގެ އިތުބާރު ގެއްލޭނެ ކަމަށާއި، އެހެންކަމުން ރައީސުލްޖުމްހޫރިއްޔާގެ ވައުދުފުޅުތަކާ އެއްގޮތަށް 2028 ވަނަ އަހަރާ ހަމައަށް ހަވާލުކުރެވިފައިވާ ހުރިހާ މަސައްކަތްތަކެއް ނިންމަވާނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ.




