ދިވެހިރާއްޖޭގެ ތާރީޚުގައި ފުރަތަމަ ފަހަރަށް، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ފިޔަވައި އެހެން އެއާޕޯޓަކުން ސައުދީ އަރަބިއްޔާއަށް ސީދާ އުމްރާ ދަތުރުތައް ފެށުމަށް ހަމަޖެހިއްޖެއެވެ.
މި ދަތުރުތައް ފެށުމަށް ހަމަޖެހިފައިވަނީ އައްޑޫ ސިޓީގެ ގަން އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.
ޓްރާންސްޕޯޓް މިނިސްޓަރު މުޙައްމަދު އަމީނު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މި ދަތުރުތައް ކުރާނީ ގައުމީ އެއާލައިން، މޯލްޑިވިއަނުން ކަމަށެވެ. އަދި މި ދަތުރުތަކުގައި ބޭނުންކުރާނީ އެ އެއާލައިނުގެ އޭ-330 މަރުކާގެ މަތިންދާބޯޓު ކަމަށްވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
މިނިސްޓަރު ސިފަކުރެއްވި ގޮތުގައި، މިއީ އައްޑޫ ސިޓީއާއި ދެކުނުގެ އަތޮޅުތަކުގެ ރައްޔިތުންނަށް ލިބިގެންދާނެ ވަރަށް ބޮޑު ފަސޭހައެކެވެ. މި ދަތުރުތަކާ ދިމާކޮށް، ދެކުނުގެ ހަތަރު އަތޮޅުގެ މެދުގައި ވައިގެ ދަތުރުފަތުރުގެ ހާއްސަ ވިއުގައެއް ކަމަށްވާ ”ސައުތު ކަނެކްޓިވިޓީ ނެޓްވޯކް“ ގެ ދަށުން އައްޑޫއާއި، ފުވައްމުލަކާއި، ހުވަދު އަތޮޅުގެ ތިން ބުރީގެ މެދުގައި ޝެޑިއުލް ދަތުރުތައް މިހާރު ވަނީ ފަށާފައެވެ.
ގައުމީ އެއާލައިނުން ބުނެފައިވާ ގޮތުގައި، މި ވިއުގައިގެ ސަބަބުން ދެކުނުގެ އަތޮޅުތަކާއި އައްޑޫ ގަން އެއާޕޯޓު ގުޅުވައިލެވި، އެ އެއާޕޯޓަކީ ދެކުނުގެ ވައިގެ ދަތުރުފަތުރުގެ މައި މަރުކަޒަށް (ހަބް) ބަދަލުވެގެންދާނެއެވެ. މިއީ އެ ސަރަހައްދުގެ ދަތުރުފަތުރުގެ ނިޒާމަށް އަންނާނެ ބޮޑު އިންގިލާބެއްގެ ގޮތުގައި އެ ކުންފުނިން ދެކެއެވެ.
މާދަމާ އައްޑޫ ގަން އެއާޕޯޓުން ސައުދީއަށް ކުރާ ފުރަތަމަ ދަތުރާ ގުޅިގެން، މިނިސްޓަރު އަމީނު ވަނީ މިކަން ހަގީގަތަކަށް ހެއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވި ތަސައްވުރާއި ލީޑާޝިޕަށް ތައުރީފު ކުރައްވާފައެވެ.
އަދި މި މަޝްރޫއު ކާމިޔާބު ކުރުމަށް ރައީސް ކުރެއްވި މަސައްކަތްޕުޅަށްޓަކައި މިނިސްޓަރު ވަނީ އެމަނިކުފާނަށް އިހުލާސްތެރިކަމާއެކު ޝުކުރު އަދާކުރައްވާފައެވެ.



