ޤަތަރުގެ ކުރީގެ އަމީރު، ޝެއިޚް ހަމަދު ބިން ހަލީފާ އަލް ޘާނީ މިއަދު އަވަހާރަވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަޢުޒިޔާ ދަންނަވައިފިއެވެ.
ޝެއިޚް ހަމަދު ބިން ޚަލީފާ އަލް ޘާނީ ވަނީ 1995 އިން 2013 އަށް ގަތަރުގައި ވެރިކަން ކުރައްވާފައެވެ. ގަތަރުގެ މިހާރުގެ ލީޑަރަކީ އޭނާގެ ދަރިކަލުން ޝެއިޚް ތަމީމް ބިން ހަމަދު ބިން ހަލީފާ އަލް ޘާނީ އެވެ.
ރައީސް މުޢިއްޒު މިއަދު ”އެކްސް“ ގައި ކުރެއްވި ޕޯސްޓެއްގައިވަނީ ޝެއިޚް ތަމީމް އަށާއި ޝާހީ އާއިލާއަށް ތައުޒިޔާ ދަންނަވާފައެވެ.
ރައީސްގެ މެސެޖުގައި ޝެއިޚް ހަމަދުއަކީ ޒަމާނީ ޤަތަރު ބިނާކުރުމުގެ އެންމެ މުހިންމު އެއް މޭސްތިރިޔާކަމާއި އެ ޤައުމުގެ ތަރައްޤީއަށް ޝެއިޚް ގިނަ މަސައްކަތްތަކެއް ކުރެއްވިކަން ފާހަގަ ކުރައްވާފައިވެއެވެ.
ޤަތަރުގެ ޝާހީ ދިވާން (އަމީރީ ދިވާން) އިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، ޤަތަރުގެ ތަރައްޤީގެ ބާނީގެ ގޮތުގައި ބެލެވޭ ”ފާދާ އެމީރު“ ޝެއިޚް ހަމަދު އަވަހާރަވީ މިއަދު ހެނދުނުގެ ވަގުތެއްގައި ކަމަށެވެ. ނަމަވެސް އަވަހާރަވި ސަބަބެއް އެ ބަޔާނުގައި ހާމަކޮށްފައެއް ނުވެއެވެ. ޝާހީ ދިވާނުން ވަނީ އެމަނިކުފާނުގެ ފުރާނަފުޅަށް ރަޙުމަތް ލައްވައި، ސުވަރުގޭގެ ދާއިމީ ނިއުމަތް މިންވަރު ކުރެއްވުން އެދި ދުޢާކޮށްފައެވެ.
”މިއަދު ހެނދުނު މަރުޙޫމް އަމީރު ޝެއިޚް ހަމާދު ބިން ޚަލީފާ އަލް ޘާނީގެ އަވަހާރަވުމަކީ ޤައުމަށް ލިބުނު ބޮޑު ހިތާމައެއް،“ އަމީރީ ދިވާން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.
ޝައިޚް ޙަމަދު ބިން ޚަލީފާ އާލް ޘާނީގެ ވެރިކަމުގައި ޤަތަރަކީ ދުނިޔޭގެ އެންމެ މުއްސަނދި އަދި ނުފޫޒުގަދަ އެއް ގައުމަށް ހެއްދެވިއެވެ. ޚާއްސަކޮށް ގަތަރުގެ ގޭހުގެ ވަސީލަތްތައް ބޭނުންކޮށްގެން ގައުމުގެ އިގްތިސާދު ވަރުގަދަކުރައްވައި، މުޅި ދުނިޔެއަށް މަޝްހޫރު ”އަލް ޖަޒީރާ“ މީޑިއާ ނެޓްވޯކް އުފެއްދެވީވެސް އެމަނިކުފާނުގެ ރޭވުންތެރިކަމުގެ ދަށުންނެވެ.
މީގެ އިތުރުން، ދުނިޔޭގެ އެންމެ ބޮޑު ކުޅިވަރު ހަރަކާތް ކަމަށްވާ ފީފާ ވޯލްޑް ކަޕް 2022 ވަނަ އަހަރު ގަތަރުގައި ބޭއްވުމުގެ ފުރުސަތު ހޯދައިދިނުމުގެ ބިންގާ އެޅުއްވީ ވެސް ޝެއިޚް ހަމަދުގެ ވެރިކަމުގައެވެ.
އެމަނިކުފާނު ވެރިކަމުން ދޫކޮށްލެއްވީ 2013 ވަނަ އަހަރު، ދަރިކަލުން އަދި ޤަތަރުގެ މިހާރުގެ އަމީރު ޝެއިޚް ތަމީމްއަށް ވެރިކަން މުސްތަގިއްލުކަމާއެކު ހަވާލުކުރެއްވުމަށްފަހުއެވެ. އޭގެ ފަހުން ގަތަރުގައި އެމަނިކުފާނަށް މުޚާތަބު ކުރެވެމުން އައީ ”ފާދަރ އެމީރު“ ގެ ނަމުންނެވެ.
ޝެއިހް ހަމަދަކީ ރާއްޖެއަށް ވެސް އެކި ދާއިރާތަކުން އެތައް އެހީއެއް ދެއްވި ބޭފުޅެކެވެ. މިސްކިތްތައް އިމާރާތްކުރުމާއި މަރާމާތުކުރުމުގެ މަޝްރޫއުތައް ހިންގަވާފައިވެ އެވެ. ލ. ގަމުގައި ހުންނަ ޝައިޚް ހަމަދު ބިން ޚަލީފާ އާލް ޘާނީ (ހަމަދު ސްކޫލް) އަކީ މިފަދަ އެހީތަކުގެ ތެރެއިން ފާހަކޮށްލެވޭ ތަނެކެވެ.



