އަހަރުގެ މިހާތަނަށް ރާއްޖެއަށް 1.1 މިލިއަން ފަތުރުވެރިން ޒިޔާރާތްކޮށްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
އެ މިނިސްޓްރީން އާންމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން، އަހަރުގެ މިހާތަނަށް ރާއްޖެއަށް މުޅި ޖުމްލަ 1،132،142 ފަތުރުވެރިން ވަނީ ޒިޔާރާތްކޮށްފައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތް ކޮށްފައިވަނީ 1،189،777 ފަތުރުވެރިންނެވެ. އެހެންކަމުން މިއީ 4.8 އިންސައްތަ ދަށް އަދަދެކެވެ.
ތަފާސްހިސާބުތައް ދައްކާގޮތުން މި ހިންގާ ޖުލައި މަހުގެ މިހާތަނަށް ރާއްޖެއަށް 62،260 ފަތުރުވެރިން ވަނީ ޒިޔާރާތްކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރާތްކުރި 63،693 ފަތުރުވެރިންނާ އަޅާ ބަލާއިރު 2.2 އިންސައްތަ ދަށް އަދަދެެކެވެ.
ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު މިދިޔަ އަހަރާއި އަޅާބަލާއިރު ދަށްވީ މެދުއިރުމަތީގެ ހަނގުރާމައާއި ގުޅިގެން ރާއްޖެއަށް ދަތުރުކުރާ ގިނަ އެއާލައިންތަކުގެ ދަތުރުތައް ވަގުތީގޮތުން ހުއްޓާލުމާއި އަދި ފަތުރުވެރިންނަށް ރާއްޖެ އާދެވޭނެ ގޮތެއް ނެތުމުގެ ސަބަބުންނެވެ. ނަމަވެސް ދަތުރުތައް މެދުކަނޑާލި އެއާލައިންތަކުން އަލުން ދަތުރުތައް ފެށުމުގެ ސަބަބުން ފަތުރުވެރިންގެ އަދަދުތައް އަންނަނީ އިތުރުވަމުންނެވެ.
ތަފާސްހިސާބުތައް ދައްކާގޮތުން ރާއްޖެއަށް މިހާރު އެވްރެޖްކޮށް ކޮންމެ ދުވަހަކު 5،897 ފަތުރުވެރިން ޒިޔާރާތްކުރެއެވެ.
ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރާތްކުރާ 5 ޤައުމު:
* ޗައިނާ: 184،080 ފަތުރުވެރިން
* ރަޝިއާ: 160،605 ފަތުރުވެރިން
* އިނގިރޭސިވިލާތް: 90،201 ފަތުރުވެރިން
* އިޓަލީ: 75،690 ފަތުރުވެރިން
* ޖަރުމަނު: 70،114 ފަތުރުވެރިން




