އިންޑޮނޭޝިއާގައި ބާއްވާ ހަލާލް އިންޑޯ އެކްސްޕޯގައި ބައިވެރިވުމުގެ ފުރުސަތު ދިވެހި ވިޔަފާރިތަކަށް ހުޅުވާލައިފިއެވެ.
އިކޮނޮމިކް މިނިސްޓްރީން ވިދާޅުވީ، އިންޑޮނޭޝިއާގެ ޓަންގަރަންގގައި މިއަހަރުގެ ސެޕްޓެންބަރު މަހު ބޭއްވުމަށް ހަމަޖެހިފައިވާ ’ހަލާލް އިންޑޯ އެކްސްޕޯ 2026’ގައި ބައިވެރިވުމުގެ ފުރުސަތު ދިވެހިރާއްޖޭގެ ކުންފުނިތަކަށާއި ސިނާޢީ މަސައްކަތްތަކުގައި ހަރަކާތްތެރިވާ ފަރާތްތަކަށް ހުޅުވާލާފައިވާ ކަމަށެވެ.
މި އެކްސްޕޯ ބޭއްވުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ ސެޕްޓެންބަރު މަހުގެ 24 އިން 27 އަށް، އިންޑޮނޭޝިއާގެ ޓަންގަރަންގގައެވެ.
2018 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ މި އެކްސްޕޯއަކީ އިންޑޮނޭޝިއާގެ ހަލާލް ސިނާއަތް ކުރިއެރުވުމަށާއި، ބައިނަލްއަޤުވާމީ މާކެޓަށް ހަލާލު އުފެއްދުންތައް ތައާރަފު ކުރުމަށް ބާއްވާ މުހިންމު ހަރަކާތެކެވެ. މި އެކްސްޕޯގެ މައިގަނޑު މަޤުސަދަކީ އިންޑޮނޭޝިއާއަކީ ދުނިޔޭގެ ހަލާލު އުފެއްދުންތަކުގެ މަރުކަޒަކަށް ހެދުމާއި، ދުނިޔޭގެ އެކި ކަންކޮޅުތަކުން މި ސިނާއަތުގައި މަސައްކަތްކުރާ ފަރާތްތަކާއި ގުޅުން ބަދަހިކުރުމެވެ.
މި އެކްސްޕޯގައި އިސްލާމީ ޝަރީޢާ ހުއްދަކުރާ އުސޫލުން ތަފާތު ދާއިރާތަކުން މައުލޫމާތާއި އުފެއްދުންތައް ދައްކާލުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. އޭގެ ތެރޭގައި ހިމެނެނީ:
- ހަލާލް ކާބޯތަކެތި: ކާބޯތަކެތި އުފައްދާ ކުންފުނިތަކާއި އައު އުފެއްދުންތައް
- ފެޝަން އަދި ލައިފްސްޓައިލް: އިސްލާމީ ހަމަތަކަށް ފެތޭ މޮޑެސްޓް ފެޝަން
- ކޮސްމެޓިކްސް އަދި ބިއުޓީ: ހަލާލް ސަޓިފިކޭޝަން އޮންނަ ރީތިވާ ސާމާނު
- އިސްލާމީ ފައިނޭންސް: ބޭންކިންގއާއި ފައިނޭންސްއާ ގުޅޭ ޚިދުމަތްތައް
- ފަތުރުވެރިކަން: ހަލާލު ފަތުރުވެރިކަމުގެ ދާއިރާ
މި އެކްސްޕޯގެ ތެރެއިން ވިޔަފާރިވެރިން ގުޅުވައިދިނުމަށް ’ބިޒްނަސް މެޗިންގ‘ ފޯރަމްތަކާއި، ކޮންސަލްޓޭޝަން އަދި އިންޑަސްޓްރީ އެންގޭޖްމަންޓް ޕްރޮގްރާމްތައް ކުރިއަށްދާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުންޏެވެ.
މި މައުރަޒުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން އެކްސްޕޯގެ ރަސްމީ ވެބްސައިޓް www.halalindo.com މެދުވެރިކޮށް އޮންލައިން އެޕްލިކޭޝަން ފުރިހަމަ ކުރަންޖެހެއެވެ. އަދި އެޕްލިކޭޝަން ހުށަހެޅުމަށްފަހު، އެ މައުލޫމާތު މިނިސްޓްރީގެ އީމެއިލް international@trade.gov.mv އަށް ހިއްސާކުރުމަށް މިނިސްޓްރީން ވަނީ އެދިފައެވެ.
މިދިޔަ އަހަރު ޖަކާޓާގައި ބޭއްވި މި އެކްސްޕޯގައި މެލޭޝިއާ، ތައިލެންޑް، ޗައިނާ، ލީބިޔާ، ސިންގަޕޫރު އަދި އެމެރިކާ ހިމެނޭގޮތަށް 11 ޤައުމަކުން 346 އެގްޒިބިޓަރުން ބައިވެރިވެފައިވެއެވެ.



