20 ވަނަ ރައްޔިތުންގެ މަޖިލީހަށް އިންތިޚާބުވި 93 މެމްބަރުން މަޤާމުގެ ހުވާ ކުރައްވައިފިއެވެ.
މިއަދު ހެނދުނު 9:00 ގައި ރައްޔިތުންގެ މަޖިލީހުގެ އިދާރާގާ އޮތް ހުވާ ކުރެއްވުމުގެ ރަސްމިއްޔާތުގައި، މެމްބަރުންނަށް ހުވާ ލައިދެއްވީ ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާން އެވެ.
މެމްބަރުން ހުވާ ކުރެއްވުމަށް ފަހު މަޖިލީހުގެ ފުރަތަމަ ޖަލްސާ އޮންނާނީ 10:15 ގައި ކަމަށް މަޖިލީހުގެ އިދާރާއިން ވަނީ ބުނެފައެވެ. މިދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމު މުހައްމަދު ރިޔާސަތު ބަލަހައްޓަވާ މި ޖަލްސާގައި އެޖެންޑާ ކޮށްފައި ވަނީ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސްއާއި ނައިބު ރައީސް އިންތިހާބު ކުރުމެވެ.
އެއަށް ފަހު އެޖެންޑާގައި އޮތީ ޤާނޫނުއަސާސީގެ 88 ވަނަ މާއްދާގެ ދަށުން މަޖިލީހުން އެކުލަވާލަން ޖެހޭ ހިންގުމުގެ ގަވައިދާ ގުޅޭ ގޮތުން ހުށަހަޅާ މައްސަލަ ކުރިޔަށް ގެންދިޔުމެވެ.
މަޖިލީހުގައި ސަރުކާރު ހިންގާ މައި ޕާޓީ ޕީއެންސީގެ 76 މެމްބަރުން ތިއްބަވާއިރު، އިދިކޮޅު އެމްޑީޕީގެ 12 މެމްބަރުން ތިއްބަވާނެއެވެ. އޭގެ އިތުރުން އެމްޑީއޭގެ 2 މެމްބަރުންނާއި ޖުމްހޫރީ ޕާޓީ ގެ އެއް މެމްބަރަކާއި، އެމްއެންޕީ ގެ މެމްބަރަކާއި އަމިއްލަ ގޮތުން އިންތިހާބުވި މެމްބަރެއް އިންނަވާނެއެވެ.



