މާލޭގެ އުތުރު ފަރާތު ބޮޑުތަކުރުފާނުމަގު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ 90 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓު އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ.
އެމްޓީސީސީން ބުނިގޮތުގައި، މި މަޝްރޫޢުގެ ދަށުން ކުރަންޖެހޭ ކީވޯލް ކެޕިންގ ކޮންކްރީޓް މަސައްކަތްތައް މިހާރު ވަނީ އެއްކޮށް ނިންމާލާފައެވެ. އަދި މުޅި މަޝްރޫޢު ނިންމުމަށް ކުރަންޖެހޭ މުހިންމު އެހެނިހެން މަސައްކަތްތައް މިހާރު ބާރުސްޕީޑުގައި ކުރިއަށްދާ ކަމަށް އެ ކުންފުނިން ބުންޏެވެ.
ބޮޑުތަކުރުފާނުމަގު ތަރައްޤީ ކުރުމުގެ ފުރަތަމަ ފިޔަވަހީގައި ހިމެނެނީ ރަސްމީ ފާލަމުން ފެށިގެން ހެންވޭރު ފެރީ ޓާމިނަލާ ހަމައަށް އޮންނަ 5 ސެގްމެންޓެއްގެ މަސައްކަތެވެ. މީގެ ތެރެއިން ސެގްމެންޓު 4 އަދި 5، އެއީ ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން ޚާރިޖީ ވުޒާރާއާ ހަމައަށް އޮތް ސަރަހައްދުގައި މިހާރު ވަނީ ތާރު އަޅާ ނިންމާލާފައެވެ. މި ސަރަހައްދުގައި މިހާރު ކުރިއަށްދަނީ މަގުގެ ނިޝާންތައް ކުރެހުމާއި، މަގު ބައްތި އަދި ސައިން ބޯޑުތައް ހަރުކުރުމުގެ މަސައްކަތްތަކެވެ.
ސެގްމެންޓު 2 އަދި 3 ގެ މަސައްކަތްތަކަށް ބަލާއިރު، އެ ސަރަހައްދުގެ ސަބް-ބޭސް މަސައްކަތްތަކާއި އޭބީސީ ލޭޔަރ އެޅުމުގެ މަސައްކަތްތައް މިރޭ ނިންމާލެވޭނެ ކަމަށް އެމްޓީސީސީން ލަފާކުރެއެވެ. ”މި ސެގްމެންޓުތަކުގައި ތާރު އެޅުމުގެ މަސައްކަތް މި ހަފުތާގެ ތެރޭގައި ނިންމާލުމަށް ވަނީ އަމާޒު ހިފާފައި“ ކަމަށް އެ ކުންފުނިން ބުންޏެވެ.
މި މަޝްރޫޢުގެ ދަށުން މަގު އިތުރަށް ފުޅާކޮށް، ޒަމާނީ ފެން ހިންދާ ނިޒާމެއް ޤާއިމުކުރުން ހިމެނެއެވެ. މަގު އާންމުންނަށް ހުޅުވާލުމަށް ނިންމާފައިވަނީ އެއްކޮށް ތާރު އަޅާ ނިންމުމަށްފަހުގައެވެ.
އެމްޓީސީސީއިން ބުނިގޮތުގައި، މި މަސައްކަތް ކުރިން ޖޫން މަހަށް ނިންމުމަށް އަމާޒުކުރި ނަމަވެސް، އެކި ސަބަބުތަކާ ހުރެ މިހާރު ލަފާކުރެވެނީ މި މަހުގެ 26 ވަނަ ދުވަހަށް މުޅި މަޝްރޫޢު އެއްކޮށް ނިންމާލެވޭނެ ކަމަށެވެ.



