މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)ގެ އަހަރީ ޚާއްސަ އާންމު ޖަލްސާ ޖޫން 11 ގައި ބޭއްވުމަށް ނިންމައިފި އެވެ.
އެމްޓީސީސީން ބުނީ، މި އަހަރުގެ ޚާއްޞަ އާންމު ޖަލްސާ އަންނަ ޖޫން 11 ވާ އަންގާރަ ދުވަހުގެ ހަވީރު 16:00 ގައި ބޭއްވުމަށް ނިންމާފައިވާކަމަށާއި، ޖަލްސާގައި ބައިވެރިވެވަޑައިގެންނެވޭނީ މިމަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް އެ ކުންފުނީގެ ހިއްސާދާރުންގެ ދަފްތަރުގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށް އެކަނި ކަމަށެވެ.
އާންމު ޚާއްސަ ޖަލްސާގައި ކުންފުނީގެ އަސާސީ ގަވާއިދަށް ހުށަހަޅާފައިވާ އިސްލާހުތައް ފާސްކުރުމާއި، ކުންފުނީގެ ހިންގާ ގަވާއިދަށް ހުށަހަޅާފައިވާ އިސްލާޙުތައް ފާސްކުރުން ހިމެނެއެވެ. އަދި، 2022 ވަނަ އަހަރުގެ ހިއްސާގެ ފައިދާއިން ހިއްސާއަކަށް ކަނޑައަޅާ މިންވަރާއި، ހިއްސާއަށް ފައިސާ ބަހާނެ މިންވަރު ޑިރެކްޓަރުންގެ ބޯޑުން ހުށަހަޅައި ފާސްކުރުމަށް ވަނީ ހަމަޖެހިފަ އެވެ. އެކުންފުނީގެ ބޯޑުން ފާސްކޮށްފައި ވަނީ، ހިއްސާގެ ފައިދާގެ ގޮތުގައި ހިއްސާއަކަށް 4 ރުފިޔާ ބަހާގޮތަށް އަދި ހިއްސާގެ ފައިދާގެ ގޮތުގައި ޖުމްލަ -/32،150،996 ރުފިޔާ ބަހާގޮތަށެވެ. 2022 ވަނަ އަހަރުގެ ޙިއްޞާގެ ފައިދާވެސް ބަހަން ހަަމަޖެހިފައިވަނީ 23 މެއި ގެ ނިޔަލަށް ކުންފުނީގެ ހިއްސާދާރުންގެ ގޮތުގައި ރަޖިސްޓްރީގައި ހިމެނިފައިވާ ހިއްސާދާރުންނަށެވެ.
2022 ވަނަ އަހަރު އެމްޓީސީސީއަށް އާމްދަނީގެ ގޮތުގައި 2.47 ބިލިއަން ރުފިޔާ ލިބިފައި ވެއެވެ. އަދި ފައިދާގެ ގޮތުގައި (ޓެކްސްއަށް ކެނޑުމުގެ ކުރިން) 229.15 މިލިއަން ރުފިޔާ ލިބިފައިވާކަމަށްވެސް އެމްޓީސީސީން ބުނެފައި ވެއެވެ.
އެމްޓީސީސީން ވަނީ ކުންފުނީގެ 2024 ވަނަ އަހަރުގެ ޚާއްސަ އާންމު ޖަލްސާއަށް ދައުވަތު އަރުވާފަ އެވެ. އަދި، ޖަލްސާގައި ބައިވެރިވެވަޑައިގަންނަވަން ބޭނުންފުޅުވާ ހިއްސާދާރުން، ޖޫން 09 ވަނަ ދުވަހުގެ 16:00 ގެ ކުރިން ރަޖިސްޓްރީ ކުރުމަށް އެކުންފުނިން އެދިފައި އެވެ.



