ބަންގްލަދޭޝަށް ކުރިމަތިވަމުންދާ މޫސުމީ ވިއްސާރައާއި ފެންބޮޑުވުމުގެ ހާދިސާތަކާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެގައުމުގެ ސަރުކާރަށާއި ރައްޔިތުންނަށް ތަޢުޒިޔާއާއި ހަމްދަރުދީ ފޮނުއްވައިފިއެވެ.
ރައީސް މިރޭ ”އެކްސް“ ގައި ކުރެއްވި ޕޯސްޓެއްގައި ވަނީ، ބަންގްލަދޭޝަށް މިހާރު ކުރިމަތިވަމުންދާ ވަރުގަދަ މޫސުމީ ވިއްސާރައާއި ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާތަކާ ގުޅިގެން، ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުންގެ ނަމުގައި، ބޮޑުވަޒީރު މުޙައްމަދު ތާރިޤް ރަޙްމާން އާއި ބަންގްލަދޭޝް ސަރުކާރަށާއި، އެޤައުމުގެ ރައްޔިތުންނަށް ތަޢުޒިޔާ ވިދާޅުވެފައެވެ.
ރައީސްގެ މެސެޖުގައި، މި ހާދިސާތަކުގައި ފުރާނަ ގެއްލިދިޔަ ފަރާތްތަކުގެ ޢާއިލާތަކަށާއި، ދިރިއުޅުމާއި މުދަލަށް ބޮޑެތި ގެއްލުންތަކެއް ލިބުނު އެންމެހައި ފަރާތްތަކާއެކު ދިވެހިރާއްޖެ އޮތްކަން ހާމަކުރެއްވިއެވެ. އަދި މިފަދަ ދަތި ދަނޑިވަޅެއްގައި ދިވެހިރާއްޖެ އޮތީ ބަންގްލަދޭޝްއާއެކު ސާބިތުކަމާއެކުގައި ކަމަށާއި، މި ހާދިސާގެ އަސަރުކޮށްފައިވާ އެންމެހައި އާއިލާތަކަށް ރައްކާތެރިކަމާއި، ހިތްވަރާއި، އަވަސް ޝިފާއަކަށް އެދިވަޑައިގަންނަވާ ކަމަށްވެސް ވިދާޅުވިއެވެ.
ބަންގްލަދޭޝަށް ކުރިމަތިވެފައިވާ މޫސުމީ ވިއްސާރައަށް ހަފްތާއެއްހާ ދުވަސްވެފައިވާއިރު، ފެންބޮޑުވުމާއި ބިންގަނޑު ކަނޑައިގެން ދިއުމުގެ ސަބަބުން މިހާތަނަށް 44 މީހަކު މަރުވެފައިވާކަމަށް ބައިނަލްއަގްވާމީ މީޑިއާތަކުން ރިޕޯޓްކުރެއެވެ.
މި ހާދިސާތަކުގައި 267,918 ގޭބިސީއަކަށް އެކިވަރުގެ ގެއްލުންތައް ލިބިފައިވާކަމަށް މަޢުލޫމާތު ލިބެއެވެ.




