”މެންހެޓަން ގްރޭންޑް ހޮޓެލް“ ގެ ގްރައުންޑް ފްލޯގައި، ސަރުކާރުން ތަރައްގީކުރާ މީޑިއާ ވިލެޖުގެ މަސައްކަތް އަންނަ މީޑިއާ ވިލެޖުގެ މިހާރު ކުރިއަށް ދަނީ އެންމެ ފަހުގެ (ފިނިޝިންގެ) މަސައްކަތްތައް ކަމުގައި ހައުސިންގް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފިއެވެ.
އެޗްޑީސީން މިއަދު ބުނީ، އެ ކުންފުނީގެ އަމާޒަކީ މި ހިނގާ ޖުލައި މަހުގެ ނިޔަލަށް މީޑިއާ ވިލޭޖްގެ މަސައްކަތް އެއްކޮށް ނިންމާލުން ކަމަށެވެ.
ރާއްޖޭގެ މީޑިއާތަކަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް ހައްލު ހޯދައިދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަޢުދުވެވަޑައިގެންފައިވާ މީޑިއާ ވިލެޖު ތަރައްގީ ކުރުމަށް ހަމަޖެހިފައިވަނީ ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައެވެ. އެތަނުގެ މަސައްކަތް ސަރުކާރުން ހަވާލުކޮށްފައިވަނީ ވޯލްޑް އޮފް ބިޒްނަސް ޕްރައިވެޓް ލިމިޓެޑާއެވެ.
މިއަހަރުގެ ރިޔާސީ ބަޔާން އިއްވަވައިދެއްވަމުން ރައީސް މުޢިއްޒު ވިދާޅުވީ މީޑިޔާތަކުން އަމިއްލަ ފަރާތްތަކުގެ ޢިމާރާތްތަކުން ބޮޑު ކުލީގައި އޮފީހާއި، ސްޓޫޑިއޯ ޖާގަ ކުއްޔަށް ނަގަން މަޖުބޫރުވެފައިވާ ކަމަށެވެ. އަދި މާލީގޮތުން ކުރިމަތިލާން ޖެހިފައި އޮންނަ ދަތި ޙާލަތުން އަރައިގަނެ، ލިބޭ އާމްދަނީއިން މީޑިއާ އިތުރަށް ތަރައްޤީކޮށް ކުރިއަރައިގެން ދިޔުމަށް މަގުފަހި ކޮށްދިނުމުގެ ގޮތުން ކުޑައަގެއްގައި ކުއްޔަށް ނެގޭނެ އޮފީހާއި، ސްޓޫޑިއޯ ޖާގަ ހިމެނޭ މީޑިއާ ވިލެޖުގެ މަސައްކަތް ވަރަށް ހަލުއި ދުވެއްޔެއްގައި ކުރިޔަށްދާ ކަމަށެވެ.
ހުޅުމާލެ ފޭސް 1 ގައި ހަދަމުންދާ މީޑިއާ ވިލެޖުގައި 34 ޖާގަ ހިމެނޭ ކަމަށާއި، މިތަން ނިމި މީޑިއާތަކަށް ބޭނުން ހިފުމުގެ ފުރުސަތު މި އަހަރުގެ މެދު ތެރޭގައި ހުޅުވާލާނެ ކަމަށް ރައީސް ވިދާޅުވިއެވެ.




