
މި ކޯޓު ހުޅުއްވައިދެއްވުމަށްފަހު މީޑިއާއަށް ދެއްވި އިންޓަވިއުއެއްގައި މިނިސްޓަރު ރާފިޢު ވިދާޅުވީ، ރެކްރިއޭޝަނަލް ހަރަކާތްތަކަކީ މި ސަރުކާރާއި މިނިސްޓްރީން ވަރަށް ބޮޑު އިސްކަމެއްދޭ ކަމެއް ކަމަށެވެ. އަދި ބައްޓަކީ ރާއްޖޭގެ އާދަކާދައިގެ ތެރެއިން ފާހަގަކޮށްލެވޭ ފޯރިގަދަ ކުޅިވަރެއްކަން ފާހަގަކުރައްވައި، މި މަޝްރޫއަކީ ކޮމިއުނިޓީގެ އެދުމުގެ މަތިން މިނިސްޓްރީއާ ވެމްކޯ އަދި އަމިއްލަ ފަރާތްތައް ގުޅިގެން ކާމިޔާބުކަމާއެކު ނިންމާލެވުނު މަސައްކަތެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ވިލިމާލޭގައި ބަށި ކުޅުން 2015 ވަނަ އަހަރުން ފެށިގެން އޮތީ މެދުކެނޑިފައެވެ.
”މިއީ ވިލިނގިލީގައި ވަރަށް ފޯރިއާއެކު ކުޅެމުން އައި ކުޅިވަރެއް. އެކަމަކު 2015 ވަނަ އަހަރުގެ ފަހުން މި ކުޅިވަރު އޮތީ ހުއްޓިފައި. އެއަށްފަހު އަލަށް ގާއިމުކުރި ކޯޓާއެކު މި ކުޅިވަރު ފެށިގެން މިދިޔައީ. އެހެންކަމުން މިއީ ކަނބަލުންނަށް ލިބޭ ވަރަށް ބޮޑު އުފާވެރިކަމެއް،“ މިނިސްޓަރު ވިދާޅުވިއެވެ.
މީގެ އިތުރުން މިއީ ފިޒިކަލް އަދި ރެކްރިއޭޝަނަލް ހަރަކާތްތައް ކުރިއެރުވުމަށް ލިބުނު ރަނގަޅު ފުރުސަތެއްކަން ފާހަގަކުރައްވައި، މި ކުޅިވަރު އިތުރު ފޯރިއާއެކު ކުރިއަށް ގެންދިއުމަށް ވަޒީރު ވަނީ އެދިވަޑައިގެންފައެވެ.

ކޯޓު ހުޅުވުމުގެ ރަސްމިއްޔާތަށްފަހު، އެ ތަނުގައި ވަނީ އެކުވެރިކަމުގެ ޚާއްސަ ބަށި މެޗެއް ކުޅެފައެވެ. މި މެޗުގައި ބައްދަލުކުރީ ވިލިމާލެ ވެމްކޯގެ ކަނބަލުންނާއި ވިލިމާލެ ކޮމިއުނިޓީގެ ކަނބަލުންނެވެ.


