ސައުދީ އަރަބިއްޔާގެ އާންމުން ދިރިއުޅޭ އެކި ސަރަހައްދުތަކަށް އަމާޒުކޮށް ދިން ބެލިސްޓިކް މިސައިލް ހަމަލާތައް ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.
މި ހަމަލާތަކަކީ ބައިނަލްއަގުވާމީ މިންގަނޑުތަކާ ހިލާފަށް ދީފައިވާ ހަމަލާތަކެއް ކަމަށް ސަރުކާރުން ވަނީ ފާހަގަކޮށްފައެވެ.
މިކަމާ ގުޅިގެން ދިވެހި ޚާރިޖިއްޔާއިން ނެރުއްވި ބަޔާނެއްގައި ވަނީ، މި ހަމަލާތަކަކީ ސައުދީ އަރަބިއްޔާގެ އިސްތިގުލާލާއި ސަރަހައްދީ ނިންމުންތަކާ ޚިލާފަށް ދީފައިވާ ހަމަލާތަކެއް ކަމަށެވެ. އަދި މިއީ މުޅި ސަރަހައްދުގެ ސަލާމަތާއި ހަމަޖެހުމަށް އޮތް ނުރައްކަލެއްގެ ގޮތުގައި ދިވެހިރާއްޖެއިން ދެކޭ ކަމަށްވެސް އެ ބަޔާނުގައި ވިދާޅުވެފައިވެއެވެ.
ޚާރިޖީ ވުޒާރާއިން އިތުރަށް ހާމަކުރެއްވި ގޮތުގައި، މި ދަނޑިވަޅުގައި ދިވެހި ސަރުކާރާއި ރައްޔިތުން ތިބީ ސައުދީ އަރަބިއްޔާގެ ސަރުކާރާއި އެ ގައުމުގެ ރައްޔިތުންނާއެކު ފުރިހަމަ ސާބިތުކަންމަތީގައެވެ. އަދި ސައުދީގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމަށް އެ ގައުމުން އަޅާ ކޮންމެ ފިޔަވަޅަކަށް ރާއްޖެއިން ފުރިހަމައަށް ތާއީދުކުރާނެ ކަމުގެ ޔަގީންކަންވެސް އެ ވުޒާރާއިން ވަނީ ދީފައެވެ.
ސަރަހައްދީ ސުލްހަ މަސަލަސްކަން ގާއިމުކުރުމަށާއި، އުފެދިފައިވާ ނުތަނަވަސްކަން ކުޑަކުރުމަށްޓަކައި ޑިޕްލޮމެސީ އާއި މަޝްވަރާއަށް އިސްކަންދިނުމުގެ މުހިންމުކަންވެސް ޚާރިޖީ ވުޒާރާގެ ބަޔާނުގައި ފާހަގަކުރައްވާފައިވެއެވެ. ރާއްޖެއިން އަބަދުވެސް ގޮވާލަނީ ސަރަހައްދީ ހަމަޖެހުން ދެމެހެއްޓުމަށް ބައިނަލްއަގުވާމީ މިންގަނޑުތަކަށް އިހުތިރާމް ކުރުމަށް ކަމަށް ވިދާޅުވެ ބަޔާން ނިންމަވާލައްވާފައިވެއެވެ.




