މުޅިން އާ ޖެންސެޓެއް އިންސްޓޯލްކޮށް، ލ. ހިތަދޫއަށް ދިމާވި ކަރަންޓުގެ މައްސަލަ ހައްލުކޮށްފިއެވެ.
ފެނަކައިން ބުނިގޮތުގައި، ހިތަދޫގައި ބޭނުންކުރަމުން ދިޔަ ޖެންސެޓަކަށް މައްސަލައެއް ދިމާވެ، އިއްޔެ ހަވީރުގެ ވަގުތެއްގައި އެ ރަށުން ކަރަންޓުގެ ހިދުމަތް މެދުކެނޑުނީ އެ ރަށަށް ކަރަންޓު ދިނުމަށް ހިންގާފައި ހުރި ދެ ޖެންސެޓްގެ ތެރެއިން 600 ކިލޯވޯޓުގެ ޖެންސެޓަށް މައްސަލައެއް ދިމާވުމުގެ ސަބަބުން ހިންގާފައި ހުރި ދެވަނަ ޖެންސެޓަށް ހުރިހާ ލޯޑެއް ދިޔުމުގެ ސަބަބުންނެވެ.
މުޅި ރަށުން ކަރަންޓު ކެނޑުނުތާ 15 ވަރަކަށް މިނެޓުގެ ތެރޭގައި، ބާކީ ހުރި އިންޖީނު ހިންގައި، ރަށުގެ އެކި ސަރަޙައްދުތަކަށް ބަހާލައިގެން ކަރަންޓު ޚިދުމަތް ދޭން ފެށުނު ކަމަށް ފެނަކަ އިން ބުންޏެވެ.
މި މައްސަލައަށް ޙައްލު ގެނައުމަށް މެދުކެނޑުމެއް ނެތި ކުރެވުނު މަސައްކަތުން، 600 ކިލޯވޯޓުގެ އާޖެންސެޓެއް އިންސްޓޯލްކޮށް، މިއަދުގެ މެންދުރު ކުރިން ވަނީ، މުޅި ރަށަށް ކަރަންޓުގެ ޚިދުމަތް ދޭން ފަށައިފައެވެ.
ފެނަކައިން ބުނީ، އަލަށް އިންސްޓޯލް ކުރެވުނު ޖެންސެޓަކީ، ދެމެހެއްޓެނިވި ގޮތަކަށް ކަރަންޓުގެ ޚިދުމަތް ދިނުމަށް މިހާރު ކުރެވޭ ޚާއްސަ މަސައްކަތުގެ ތެރެއިން، އަލަށް ފެނަކައިން ގެނައި ޖެންސެޓްތަކުގެ ތެރެއިން އެރަށަށް ގެންގޮސްފައިވާ ޖެންސެޓެއް ކަމަށެވެ.
އެ ޖެންސެޓް އިންސްޓޯލް ކުރެވުމާއެކު، ހިތަދޫގައި ކަރަންޓުގެ ޚިދުމަތް ދިނުމަށް މިވަގުތު ދަތިކަމެއް ނެތް ކަމަށް ފެނަކަ އިން ބުންޏެވެ.



