މާލޭ ނޯތު ހާބަރުގެ ކިއު މެނޭޖްކުރުން އިތުރަށް ހަރުދަނާކޮށް، ޚިދުމަތް ހޯދާ ފަރާތްތަކަށް ލުއިފަސޭހަ އިންތިޒާމްތަކެއް ހަމަޖައްސައިދިނުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ކިއު މެނޭޖްކުރުމުގެ އުސޫލަށް މުހިންމު އިސްލާހުތަކެއް ގެނައުމަށް އެމްޕީއެލްއިން ނިންމައިފިއެވެ.
މި ބަދަލުތަކަކީ އުޅަނދުފަހަރުތަކަށް ވީހާވެސް ފަސޭހަ އަދި އަވަސް ނިޒާމެއްގެ ތެރެއިން ޚިދުމަތް ފޯރުކޮށްދިނުމަށް މަގުފަހިކުރުމުގެ ގޮތުން ގެނެވޭ ބަދަލުތަކެއް ކަމުގައި އެ ކުންފުނިން ބުންޏެވެ.
އެގޮތުން ގެނެވުނު އިސްލާހުތަކުގެ ތެރޭގައި ފަސް (5) ދުވަހުގެ މުއްދަތުގެ ”ހޯލްޑް“ އުވާލުން ހިމެނެއެވެ. އަދި ކުރިން އަމަލުކުރަމުން އައި އުސޫލުގެ ދަށުން، ”އޭ“ ޒޯން އަދި ”ސީ“ ޒޯންގެ ކިއުއަށް ނޯޓުކޮށްފައިވާ އުޅަނދުފަހަރު ފަސް ދުވަހުގެ މުއްދަތަށް ކިއު އިން ކެންސަލް ނުވާގޮތަށް ”ހޯލްޑް“ ކުރުމަށް އޮތް ފުރުސަތު މުޅިން އުވާލެވޭނެއެވެ. ނަމަވެސް، ”ޕޯސްޓްޕޯން“ކުރުމުގެ ފުރުސަތު، ކުރިންވެސް އަމަލުކުރަމުންދާ އުސޫލުތަކާ އެއްގޮތަށް ކުރިއަށްދާނެ ކަމަށް އެމްޕީއެލްއިން ބުންޏެވެ.
މީގެއިތުރުން، އެއް އުޅަނދަކަށް އެއްފަހަރާ އެއް ކިއުއަށް ވުރެ ގިނަ ކިއުތަކުގައި ނޯޓުކުރުމަށް އޮންނަ ފުރުސަތު ވެސް އުވައިލެވޭނެއެވެ. މިގޮތުން، އުޅަނދެއް ”އޭ“ ޒޯން، އެކްސްޕްރެސް ޒޯން ނުވަތަ ”ސީ“ ޒޯން ކިއުގައި ނޯޓުކުރަން އެދޭނަމަ، ނޯޓު ކުރެވޭނީ އެ އުޅަނދަކުން އިޚްތިޔާރުކުރާ ކޮންމެވެސް އެއް ކިއުއެއްގައެވެ. އެއް ދަތުރެއްގެ ތެރޭގައި އެއްފަހަރާ ގިނަ ކިއުތަކެއްގައި ނޯޓުކުރުމުގެ ފުރުސަތެއް މީގެ ފަހުން ނޯންނާނެއެވެ. މި އުސޫލުގެ ބޭނުމަށްޓަކައި ”އެއް ދަތުރު“ ކަމަށް ބަލާނީ، ނޯތު ހާބަރުގެ ކިއުތަކުން ޖާގަ ދެވި، ކީވޯލަށް އުޅަނދު ކައިރިކޮށް މުދާ އަރުވައި ނިމި، ކީވޯލަށް ދައްކަންޖެހޭ ފައިސާ ދެއްކުމަށްފަހު ފުރުމުންނެވެ.
މި އިސްލާހުތަކަށް އަމަލުކުރަން ފަށާނީ 20 ޖުލައި 2026 ވާ ހޯމަ ދުވަހުގެ ރޭ 23:59 އިން ފެށިގެންނެވެ.
މި ބަދަލުތަކަކީ މާލޭ ނޯތު ހާބަރގެ ހިދުމަތް ހޯދާ އޮޑިވެރިންގެ ހިޔާލާއި ކަންބޮޑުވުންތަކަށް ރިޔާޢަތްކޮށް އެމްޕީއެލްއިން ގެނައި ބަދަލުތަކެކެވެ. އަދި ކުރިއަށް އޮތް ތަނުގައިވެސް، އޮޑި ވެރިންގެ ހިޔާލާއި ކަންބޮޑުވުންތަކަށް ރިޔާޢަތްކޮށް، މާލޭ ނޯތު ހާބަރއިން ފޯރުކޮށްދޭ ހިދުމަތްތައް ރަނގަޅުކުރުމުގެ މަސައްކަތްތައް ކުރިއަށް ގެންދާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.



