އާޖެންޓީނާ ފައިނަލަށް ދިޔައީ ކުރި ބުރަ މަސައްކަތުން ކަމަށާއި، މިއީ އެއްވެސް މީހަކު ދިން ހަދިޔާއެއް ނޫން ކަމަށް އާޖެންޓީނާގެ ކެޕްޓަން، ލިއޮނެލް މެސީ ބުނެފިއެވެ.
ގިނަ ބަޔަކު ގަބޫލު ކުރާ ގޮތުގައި މިވަގުތު ދުނިޔޭގައި ހުރި އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ މެސީ، މިހެން ބުނީ 2026 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕްގެ ފައިނަލަށް އާޖެންޓީނާ ދަތުރުކުރުމާ ގުޅިގެން އެ ޓީމަށް އަމާޒުވަމުންދާ ފާޑުކިޔުންތަކަށް ރައްދު ދެމުންނެވެ.
ގިނަ ބަޔަކު ތުހުމަތުކުރާ ގޮތުގައި ފީފާއިން ވަނީ އާޖެންޓީނާއަށް ފަސޭހަ ގްރޫޕަކާއި މަގެއް ހޯދައިދީފައެވެ. އަދި މެޗުތަކުގައި ރެފްރީންގެ ނިންމުންތައް އާޖެންޓީނާ ކޮޅަށް ބުރަވާ ކަމަށްވެސް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.
މި ތުހުމަތުތަކަށް ރައްދު ދެމުން މެސީ ބުނީ، އާޖެންޓީނާ ފައިނަލަށް ދިޔައީ ކުރި ބުރަ މަސައްކަތުން ކަމަށާއި، މިއީ އެއްވެސް މީހަކު ދިން ހަދިޔާއެއް ނޫން ކަމަށެވެ. އޭނާ ފާހަގަކުރި ގޮތުގައި ޓީމުގެ ކާމިޔާބީއާ މެދު ދެރަވާ ބަޔަކު ތިބި ނަމަވެސް، އޭނާގެ އިތުބާރު ޓީމަށް އެބައޮތެވެ.
މި މުބާރާތުގައި އާޖެންޓީނާގެ ނަތީޖާތަކަށް ބަލާއިރު، ގްރޫޕް ސްޓޭޖުގައި އަލްޖީރިއާ، އޮސްޓްރިއާ އަދި އުރުދުން އަތުން ވަނީ ފަސޭހައިން މޮޅުވެފައެވެ. އަދި ނޮކްއައުޓް ބުރުގެ މެޗުތައްވެސް ކާމިޔާބު ކުރިއިރު، މިޞްރާއި، ސްވިޒަލޭންޑް އަދި ސެމީ ފައިނަލުގައި އިންގްލެންޑާ ދެކޮޅަށް ކުޅުނު މެޗުތަކުގައި އާޖެންޓީނާ މޮޅުވީ ފަހަތުން އަރައި މެޗުގެ ފަހު ވަގުތުގައެވެ.
މުބާރާތުގެ ފައިނަލް މެޗުގައި އަންނަ އާދިއްތަ ދުވަހުގެރޭ އާޖެންޓީނާ ނުކުންނާނީ ސްޕެއިންއާ ދެކޮޅަށެވެ.



