ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅެއް ކަމަށްވާ، މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ މަޝްރޫޢުގެ ދަށުން އިންޓަރނޭޝަނަލް އަދި ޑޮމެސްޓިކް ކީ-ވޯލް ހެދުމުގެ މަސައްކަތް ޗައިނާ ހާބަރ އިންޖިނިއަރިންގ ކޮމްޕެނީ (ސީ.އެޗް.އީ.ސީ) އާ މިއަދު ހަވާލުކޮށްފިއެވެ.
މި އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ މޯލްޑިވްސް ޕޯޓްސް ލިމިޓަޑް (އެމް.ޕީ.އެލް) ގެ ހެޑް އޮފީހުގައެވެ.
މި އެއްބަސްވުމުގައި އެމް.ޕީ.އެލްގެ ފަރާތުން ސޮއިކުރެއްވީ ސީ.އީ.އޯ ކެޕްޓަން ހުސައިން ޝަފީޤުއެވެ. ސީ.އެޗް.އީ.ސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ކަންޓްރީ މެނޭޖަރު މާއޯ ބާއޯ އެވެ.
މި އެއްބަސްވުމުގެ ދަށުން ބައިނަލްއަގްވާމީ މުދާ އުފުލާ ކޮންޓޭނަރު ބޯޓުފަހަރަށް ހާއްސަ 14.6 މީޓަރު ފުން މިނުގެ 375 މީޓަރު ދިގު ކީ-ވޯލްއެއް ހެދުމާއި، ރާއްޖޭގެ އެތެރޭގެ ދަތުރުފަތުރުތަކުގައި ބޭނުންކުރާ މުދާ އުފުލާ އުޅަނދުފަހަރަށް ހާއްސަ 5 މީޓަރުގެ ފުން، 820 މީޓަރުގެ ދިގު ޑޮމެސްޓިކް ކީ-ވޯލްއެއް ހެދުން ހިމެނެއެވެ.

އެމްޕީއެލް އިން ބުނީ، މި މަޝްރޫއުގެ މައިގަނޑު މަގްސަދަކީ ވިޔަފާރިތަކަށް ކުރިމަތިވެފައިވާ، ޒަމާންވީ މުހިއްމު އެތައް މައްސަލައަކަށް ހައްލުހޯދައި ދިނުމާއި، ރާއްޖޭގެ ކަނޑުދަތުރުފަތުރާއި ލޮޖިސްޓިކްސްގެ ދާއިރާއަށްއަންނަ ކުރިއެރުމާއި އެއްވަރަށް ބަނދަރުގެ ވަސީލަތްތައް ފުޅާކޮށްހިދުމަތުގެ ފެންވަރު ރަނގަޅުކުރުން ކަމަށެވެ.
މިއެއްބަސްވުމުގެ ދަށުން ތިލަފުށީ ބަނދަރުގެ އިންފްރާސްޓްރަކްޗަ އިތުރަށް ހަރުދަނާކޮށް، މުދާ އުފުލުމާއި ބޭލުމުގެ ނިޒާމު މިހާރަށްވުރެ ހަލުވި އަދި ފަސޭހަނިޒާމެއްގެ ތެރެއިން ފޯރުކޮށްދެވޭނެ ކަމަށްވެސް އެމްޕީއެލް އިން ބުންޏެވެ.
އެގޮތުން ދުނިޔޭގެ ބަނދަރު ހެދުމަށް ޤާބިލް ކުންފުންޏެއްކަމަށްވާ، ސީއެޗްއީސީ އާއެކު ވެވުނު މިއެއްބަސްވުމަކީ ޒަމާނުއްސުރެ މާލޭ ވިޔަފާރި ބަނދަރަށް ދިމާވެފައިވާ ތޮއްޖެހުމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށްޓަކައި އަންނަ އަހަރުގެ ނޮވެމްބަރު 11ގެ ނިޔަލަށް، ތިލަފުއްޓަށް މާލޭ ވިޔަފާރި ބަނދަރު ބަދަލުކުރުމުގެ މަޝްރޫއުގެ ތެރެއިން ކުރެވޭ މުހިއްމު މަސައްކަތެއް ކަމަށްވެސް އެމްޕީއެލް އިން ބުންޏެވެ.
މީގެ އިތުރުން، މި މަޝްރޫއުގެ ބައެއް މަސައްކަތްތައް މިދިޔަ ޖޫން މަހުގެ އެއް ވަނަ ދުވަހު ވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)އާއި ހަވާލުކުރެވިފައެވެ.

އެގޮތުން 100 މީޓަރުގެ ޑޮމެސްޓިކް ކީ-ވޯލްއަކާއި، 3 ހެކްޓަރުގެ ސަރަހައްދެއް ޕޭވްކުރުން ހިމެނެއެވެ. މި މަޝްރޫއު އެއްކޮށް ނިމޭއިރު ތިލަފުށީ ބަނދަރުގައި 1،000 މީޓަރަށްވުރެ ދިގުބައިނަލްއަގްވާމީ ކީ–ވޯލްގެ އިތުރުން، މާލޭގެ ނޯތު ހާބަރާއިސައުތު ވެސްޓް ހާބަރު ބޭނުންކުރާ އުޅަނދުފަހަރަށްހާއްސަކޮށްގެން 2،000 މީޓަރަށް ވުރެން ދިގު ކީ-ވޯލް ހިމެނޭގޮތަށް ޑޮމެސްޓިކް ޓަމިނަލްއެއް ތަރައްގީ ކުރުމަށް ހަމަޖެހިފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ.
މާލޭ ވިޔަފާރި ބަނދަރުގެ އޮޕަރޭޝަން ހިންގުމުގެ އެންމެ ބޮޑު ގޮންޖެހުމަކީ ޖާގައިގެ ދަތިކަމެވެ. ތިލަފުށީގައި ތަރައްޤީކުރާ ބަނދަރަކީ، މާލޭ ވިޔަފާރި ބަނދަރުގެ ބިމުގެ ޖާގައަށްވުރެ، 10 ގުނަ ބޮޑު ސަރަހައްދެކެވެ. އެހެންކަމުން، ތިލަފުއްޓަށް ބަނދަރު ބަދަލުކުރެވުމުން ބަނދަރުގެ ޖާގައިގެ މައްސަލައަށް ދާއިމީ ހައްލެއް ލިބިގެންދާނެއެވެ.
މާލޭ ބަނދަރަށް އަންނަ ބައެއް ކޮންޓޭނަރު އުފުލާ އުޅަނދުތަކަކީ މަގަތު ފާލަމަށް ކައިރި ކުރެވޭޭވަރަށްވުރެ ބޮޑެތި އުޅަނދުތަކެވެ. މިފަދަ އުޅަނދުތަކުން މުދާ ބޭލުމާއި ބަރުކުރުމުގެ އޮޕަރޭޝަންތައް ކުރިއަށްގެންދަނީ އައުޓަރ އެންކަރޭޖްގައި ބާއްވައިގެންނެވެ. މިއީ، ވަރަށް ގިނަ ވަގުތު ހޭދަވާ އުނދަގޫ އަދި ހަރަދު ބޮޑު އޮޕަރޭޝަނެކެވެ.
އެމްޕީއެލް އިން ބުނީ، ތިލަފުށީގައި ތަރައްގީ ކުރާ ބަނދަރުގައި، މާލޭ ވިޔަފާރި ބަނދަރުގެ ކީ-ވޯލްއަށް ވުރެ ތިން ގުނަ ދިގު އިންޓަނޭޝަނަލް ކީ-ވޯލްއެއް އަންނަ އަހަރުގެ އޮކްޓޯބަރު މަހުގެ ނިޔަލަށް ތަރައްގީ ކުރެވޭނެ ކަމަށެވެ. މިއާއެކު މިހާރު މާލޭ ބަނދަރުގައި ކުރިއަށް ގެންދާ ކޮންޓޭނަރި ބޯޓުފަހަރުގެ އައުޓަަ އެންކަަރޭޖް އޮޕަރޭޝަންތައް ހުއްޓާލެވޭނެ ކަަމަށްވެސް ބުންޏެވެ.
ކޮންޓޭނަރު އުފުލާ ބޯޓުފަހަރުތައް މުދާ ބާލާނީ، އެ އުޅަނދެއްގައި ހުންނަ ކެރޭން ބޭނުންކޮށްގެންނެވެ. މިގޮތަށް މި މަސައްކަތް ކުރާ އިރު ބޯޓުގެ ކެރޭނަށް މައްސަލައެއް ދިމާވެއްޖެ ހާލަތެއްގައި މުދާ ބޭލުމުގެ މަސައްކަތް ހުއްޓި، އޮޕަރޭޝަނަށް ބުރޫ އަރައެވެ. އެހެންނަމަވެސް ތިލަފުށީގައި ތަރައްޤީކުރާ ބަނދަރަށް ގެންޓްރީ ކެރޭނާއި މޯބައިލް ހާބަރ ކެރޭން ފަދަ ކޮންޓޭނަރ ބޭލުމަށް ޚާއްސަ އިކުއިޕްމަންޓް ހޯދުމުގެ މަސައްކަތް ދަނީ ކުރިއަށެވެ. މިއީ މުދާ ބޭލުމުގައި މިހާރު ހޭދަވާ ވަގުތު ކުޑަކޮށް ޚިދުމަތުގެ ފެންވަރު އެތައް ގުނައެއް މަތި ކުރެވޭނެ ބަދަލުތަކެކެވެ.

މިހާރު މާލޭ ވިޔަފާރި ބަނދަރަށް އަންނަ ކާގޯ ބޯޓުފަހަރަށް މުދާ އެރުވުމާއި ބޭލުމަށް ގާތްގަނޑަކަށް ހަތް ދުވަހުގެ މުއްދަތެއް ބަނދަރުގައި ހޭދަކުރި ނަމަވެސް، އައު ބަނދަރުގެ ހިދުމަތް ފެށުމުން މިވަގުތު ގާތްގަނޑަކަށް ދެ ދުވަހުގެ މުއްދަތަށް ކުޑަވެގެންދާނެއެވެ. މިއީ މުދާ އެތެރެކުރާ ފަރާތްތަކާއި ޝިޕިން ލައިންތަކަށް ލިބިގެންދާނެ ވަރަށް ބޮޑު ލުޔެކެވެ. އަދި މީގެއިތުރުން ބަނދަރުގެ ސަރަހައްދުން ޒަމާނީ ވެއަ ހައުސްގެ ހިދުމަތް ލިބި، ކޮންޓެއިނަރު ކްލިއަރަކުރުމުގެ އޮޕަރޭޝަންސްތައް ލުއިފަސޭހަވެގެން ދާނެއެވެ.
ތިލަފުށީ ބަނދަރުގައި ޤާއިމްކުރެވޭ ވަޞީލަތްތަކާއެކު، މިހާރު އަންނަ ބޯޓުފަހަރަށްވުރެ ބޮޑެތި ބޯޓު އަންނަން ފެށުމުން މުދަލުގެ ފްރައިޓް ކުޑަވެ، އާންމު ރައްޔިތުންނަށް މުދާ ލިބޭ އަގު ހެޔޮވުމަށް މަގު ފަހިވެގެންދާނެ ކަމެކެވެ.


