ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ބަޔާންކޮށްފައިވާ މުއްދަތުގެ ތެރޭގައި އަހަރީ އޮޑިޓް ރިޕޯޓް ހުށަނާޅާ ސިޔާސީ ޕާޓީތައް އިލެކްޝަންސް ކޮމިޝަނުން ޖޫރިމަނާކޮށްފިއެވެ.
ސިޔާސީ ޕާޓީތަކުގެ ގާނޫނުގެ 41 ވަނަ މާއްދާގައިވާ ގޮތުން، ކޮންމެ މީލާދީ އަހަރެއް ނިމޭތާ ގިނަވެގެން 90 ދުވަހުގެ ތެރޭގައި ޕާޓީގެ އަހަރީ ހިސާބުތައް އޮޑިޓަރ ޖެނެރަލް ގަބޫލުކުރާ އޮޑިޓަރަކު މެދުވެރިކޮށް އޮޑިޓް ކުރުމަށްފަހު، އެ ރިޕޯޓު އިލެކްޝަންސް ކޮމިޝަނަށާއި އޮޑިޓަރ ޖެނެރަލަށް ހުށަހަޅަންޖެހެއެވެ.
މި އަހަރުގެ އޮޑިޓް ރިޕޯޓް ހުށަހެޅުމަށް ދީފައިވާ މުއްދަތު ހުސްވި މޭ މަހުގެ 20 ވަނަ ދުވަހަށް ހަމަވިއިރު، އެ މުއްދަތުގެ ތެރޭގައި ރިޕޯޓް ހުށަހަޅާފައިވަނީ އެންމެ ހަތަރު ޕާޓީއަކުންނެވެ. އެއީ މޯލްޑިވްސް ޑިވެލޮޕްމެންޓް އެލަޔަންސް (އެމް.ޑީ.އޭ)، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީ.އެން.ސީ)، ޖުމްހޫރީ ޕާޓީ (ޖޭ.ޕީ)އަދި ޕީޕަލްސް ނޭޝަނަލް ފްރޮންޓް (ޕީ.އެން.އެފް)އެވެ. ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ރިޕޯޓް ހުށަހަޅާފައިވަނީ މުއްދަތު ހަމަވި ފަހުން، ޖޫން މަހުގެ ހަތަރު ވަނަ ދުވަހުއެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ ރިޕޯޓް ހުށަނާޅާ އޮތް އަދާލަތު ޕާޓީ އާއި މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) މިހާރު ޖޫރިމަނާކޮށްފައިވާ ކަމަށެވެ. އަދި އެ ޕާޓީތަކުން އޮޑިޓް ރިޕޯޓް ހުށަހެޅުމަށް މިހާރު އަންގާފައިވާ ކަމަށްވެސް ކޮމިޝަނުން ބުނެފައިވެއެވެ.
ގާނޫނުގައިވާ ގޮތުން އޮޑިޓް ރިޕޯޓް ހުށަނާޅާ ޕާޓީތައް 50,000 ރުފިޔާއިން ޖޫރިމަނާކުރުމުގެ އިހުތިޔާރު ކޮމިޝަނަށް ލިބިގެންވެއެވެ.
ޖޫރިމަނާކުރުމުގެ އިޖުރާއަތްތަކަށް ބަލާއިރު، ކޮމިޝަނުން ޕާޓީއެއް ޖޫރިމަނާކުރަން ނިންމާތާ 15 ދުވަހުގެ ތެރޭގައި އެކަން އެ ޕާޓީއަކަށް އަންގަންޖެހެއެވެ. އަދި އެކަން އަންގާ ދުވަހުން ފެށިގެން އެއް މަސްދުވަހުގެ ތެރޭގައި ޖޫރިމަނާ ފައިސާ ދައްކަންޖެހެއެވެ. ޖޫރިމަނާ ފައިސާ ނުދައްކައިފިނަމަ، ޖެހިގެން އަންނަ އަހަރު ދައުލަތުގެ ބަޖެޓުން ޕާޓީއަށް ދޭ ފައިސާގެ އެހީގެ ތެރެއިން އެ އަދަދު އުނިކުރުމަށް ގަވައިދު ލާޒިމުކުރެއެވެ.
އޮޑިޓް ރިޕޯޓުތަކާ ގުޅޭގޮތުން އޮޑިޓަރ ޖެނެރަލްގެ ޒިންމާއަކީ، ޕާޓީތަކުން ރިޕޯޓު ހުށަހަޅާތާ އެއް މަސްދުވަހުގެ ތެރޭގައި އެ ރިޕޯޓުގައި ހިމެނޭ ކަންކަމަށް ރިއާޔަތްކޮށް، ރިކޮމެންޑޭޝަންތަކާއެކު ރައްޔިތުންގެ މަޖިލީހަށާއި އިލެކްޝަންސް ކޮމިޝަނަށް އެކަން ހުށަހެޅުމެވެ.




