ވަގުތީގޮތުން 19 ވަނަ މަޖިލީހުގެ ގަވާއިދަށް، އަމަލު ކުރަން 20 ވަނަ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.
މަޖިލީހުގެ މެޖޯރިޓީ ޕާޓީ ޕީއެންސީން ބުނީ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ނަވާރަ ވަނަ މަޖިލިސް ގަވާއިދަށް ވަގުތީގޮތުން އަމަލުކުރުމަށް ނިންމާފައިވަނީ މަޖިލީހުގެ މަސައްކަތްތައް ނުހުއްޓި ކުރިއަށް ގެންދިއުމަށް މަގުފަހި ކުރުމަށް ކަމަށެވެ.
19 ވަނަ މަޖިލީހުގެ ހިންގާ ގަވާއިދަށް މި މަޖިލީހުން ވަގުތީގޮތުން އަމަލުކުރަން ހުށަހެޅުއްވީ ޕީއެންސީގެ ޕާލަމެންޓަރީ ގްރޫޕުގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހެވެ.
މަޖިލީހުގެ ގަވާއިދު އެކުލަވާލުމުގެ މަސްއޫލިއްޔަތު އާންމު ކޮމިޓީއާ ހަވާލު ކުރުމަށްވެސް ފަލާޙް ވަނީ ހުށައަޅުއްވާފައެވެ. ފަލާހުގެ ހުށަހެޅުއްވުމުގައި ބުނީ އެ މަސައްކަތް އަންނަ މަހު 26 ގެ ނިޔަލަށް ނިންމައި މަޖިލިހުގެ ތަޅުމަށް ހުށައެޅުމަށެވެ
ފަލާޙުގެ ހުށައެޅުމަށް އެމްޑީޕީގެ ޕާލަމެންޓަރީ ގްރޫޕް ލީޑަރު އަދި ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް ވަނީ ތާއީދު ކުރައްވައިފަ އެވެ.
ފަލާހުގެ ހުށަހެޅުމަށް ވޯޓަށް ހުލުވާލުމުން ވޯޓުގައި ބައިވެރިވި 90 މެންބަރުންގެ އިއްތިފާގުން އެ ހުށަހެޅުން ވަނީ ފާސްކޮށްފައެވެ.




