2030 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި ވާދަކުރާ ޓީމުތަކުގެ އަދަދު 64 އަށް އިތުރުކުރުމަށް ދެކުނު އެމެރިކާގެ ފުޓްބޯޅައިގެ މައި އިދާރާ، ކޮންމެބޯލްއިން ހުށަހަޅައިފިއެވެ.
މި ހުށަހެޅުން އައިސްފައިވަނީ އުތުރު އެމެރިކާގައި ފުރަތަމަ ފަހަރަށް 48 ޓީމާއެކު ބޭއްވި މުބާރާތް ނިމުނުތާ އެންމެ ދުވަހެއް ފަހުންނެވެ.
ކޮންމެބޯލްގެ ރައީސް އަލެހަންދްރޯ ޑޮމިންގޭޒް މީސްމީޑިއާ މެދުވެރިކޮށް ކުރެއްވި ކެމްޕޭނެއްގައި، ވޯލްޑް ކަޕަށް 100 އަހަރު ފުރޭ މުބާރާތުގައި ޓީމުތަކުގެ އަދަދު އިތުރުކުރުމަށް ފީފާއަށް ވަނީ ގޮވާލައްވާފައެވެ. ޑޮމިންގޭޒް ވިދާޅުވީ މިއީ ފުޓްބޯޅައަށް ލިބޭނެ ވަރަށް ބޮޑު ފުރުސަތެއް ކަމަށާއި، 64 ޓީމާއެކު މުބާރާތް ބާއްވައިގެން ވޯލްޑް ކަޕުގެ 100 ވަނަ އަހަރު ފާހަގަކުރުމަކީ ވަރަށް ރަނގަޅު ކަމެއް ކަމަށެވެ.
”ދެން އޮތް މުބާރާތް އޮތީ އަހަރެމެންގެ ގައުމުގަ! 2030 ވަނަ އަހަރުގެ ވޯލްޑް ކަޕް އޮންނާނީ އުރުގުއޭ، އާޖެންޓީނާ އަދި ޕެރަގުއޭގައި،“ ޑޮމިންގޭޒް ލިޔުއްވާފައިވެއެވެ.
މިހާރު ފާސްކޮށްފައިވާ ގޮތުން 2030 ވަނަ އަހަރުގެ މުބާރާތް މައިގަނޑު ގޮތެއްގައި ބާއްވާނީ ސްޕެއިން، ޕޯޗުގަލް އަދި މޮރޮކޯގައެވެ. ނަމަވެސް 1930 ވަނަ އަހަރު އުރުގުއޭގައި ބޭއްވި ފުރަތަމަ ވޯލްޑް ކަޕަށް 100 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން، މުބާރާތުގެ ފުރަތަމަ މެޗުތައް ބޭއްވުމަށް ހަމަޖެހިފައިވަނީ އުރުގުއޭ، އާޖެންޓީނާ އަދި ޕެރަގުއޭގައެވެ.
ޓީމުތަކުގެ އަދަދު 64 އަށް އިތުރުކުރުމަށް ކޮންމެބޯލްއިން ހުށަހެޅި ނަމަވެސް، މި ހުށަހެޅުމާ ގުޅޭގޮތުން ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާއިން އަދި މިހާތަނަށް އެއްވެސް އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.




