ރެއާލް މެޑްރިޑާއި ބްރެޒިލްގެ މަޝްހޫރު ފުޓްބޯޅަ ތަރި ވިނީޝިއަސް ޖޫނިއާ، އޭނާގެ މޫނުގެ ބައްޓަމަށް ބަދަލުތަކެއް ގެނައުމަށް ކޮސްމެޓިކް ޕްރޮސީޖާއެއް ފުރިހަމަކުރުމާ ގުޅިގެން ދުނިޔޭގެ ސަމާލުކަން އެކަމަށް ހުއްޓިއްޖެއެވެ.
ވިނީޝިއަސްގެ އާ ސިފަ ހާމަކުރުމާއެކު ސޯޝަލް މީޑިއާގައާއި ކުޅިވަރުގެ ދާއިރާގައި ގިނަ ބަޔަކު އަންނަނީ މިކަމާ ބެހޭގޮތުން ވާހަކަދައްކަމުންނެވެ.
ވިނީޝިއަސް ކުރިއަށް ގެންގޮސްފައިވަނީ ސާޖަރީއަކާ ނުލައި މޫނުގެ ބައްޓަން ރީތިކޮށްދޭ ”ފޭޝަލް ހާމަނައިޒޭޝަން“ އަދި ”ޗިން ކޮންޓުއަރިން“ޕްރޮސީޖާއެކެވެ. މި ފަރުވާގައި ބޭނުންކޮށްފައިވަނީ ހަށިގަނޑާ ގުޅޭ ފިލާސް (ހައިލޫރޯނިކް އެސިޑް) އެވެ. މީގެ ބޭނުމަކީ ދަތްދޮޅިއާއި ކަތުރުކަށިގަނޑުގެ ބައްޓަން އިތުރަށް ފާޅުކޮށްދީ، މޫނުގެ ބައްޓަން ބަދަލުކުރުމެވެ.
މި ފަރުވާ ދީފައިވަނީ ބްރެޒިލްގެ ގޮއިއާނިއާގައި ހުންނަ ހާއްސަ ކްލިނިކެއްގައި، އެ ގައުމުގެ މަޝްހޫރު ހަމުގެ ބަލިތަކާ ބެހޭ ޑޮކްޓަރު ޑރ. އަލެސަންދްރޯ އަލަކާއޯއެވެ. ޑރ. އަލަކާއޯ އަކީ މިފަދަ ކޮސްމެޓިކް ފަރުވާތަކަށް ދުނިޔޭގެ ފެންވަރުގައި މަގުބޫލުކަން ހޯދާފައިވާ ޑޮކްޓަރެކެވެ.
މި ބަދަލުތަކަށްފަހު ވިނީޝިއަސްގެ މޫނުގެ ތިރީބައި ކުރިއަށްވުރެ ވަރުގަދަކޮށް އަދި ބައްޓަން ރީތިކޮށް ފެންނަކަން ފާހަގަކުރެވެއެވެ. 2026 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި އޭނާ ފެނުނު ސިފައާ އަޅާބަލާއިރު، މިހާރު އޭނާގެ މޫނުގެ ކަތުރުކަށިގަނޑު ހުންނަނީ މާ ބޮޑަށް ފާޅުވާން އެނގޭ ގޮތަށެވެ. މި ޕްރޮސީޖާއަކީ ފަހަކަށް އައިސް މަޝްހޫރު ފިރިހެން އެތުލީޓުންގެ މެދުގައި އިތުރުވަމުން އަންނަ ފަރުވާއެއްކަން ފާހަގަކުރެވެއެވެ.
ވިނީޝިއަސްގެ މި އާ ބަދަލާއެކު އޭނާގެ ސަޕޯޓަރުންގެ މެދުގައި ތަފާތު ހިޔާލުތައް އުފެދިފައިވީ ނަމަވެސް، ގިނަ ބަޔަކު ބުނަނީ މިއީ އޭނާގެ ސިފައަށް ލިބުނު ފުރިހަމަކަމެއް ކަމަށެވެ.




