ފެނަކައިން ޚިދުމަތްދޭ ރަށްރަށުގެ އިޖުތިމާއީ ދިއްލުންތަކަށް ބޭނުންކުރާ ބައްތިތައް އިންސްޕެކްޓްކުރަން ފަށައިފި އެވެ.
ފެނަކަ ކޯޕަރޭޝަނުން ބުނީ މި އިންސްޕެކްޝަންގެ ދަށުން، ކައުންސިލްތަކާއި ބައްދަލުކޮށް، ކައުންސިލްތަކާއި ގުޅިގެން ބަނދަރާއި، މަގުމަތީގައިވާ ބައްތިތަކުގައި ހުރި މައްސަލަތައް ބަލަމުން އަންނަކަމަށެވެ. މި މަސައްކަތުގެ ދަށުން، ވަކިން ހާއްސަކޮށް އީއެލްސީބީ ހަރުކުރެވިފައި ހުރިތޯ ބެލުމުގެ މަސައްކަތް ކުރަމުންދާކަމަށް ފެނަކައިން ބުންޏެވެ.
ފެނަކައަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 157 އިންޖީނުގެ ގާއިމުކޮށް، ކަރަންޓުގެ ޚިދުމަތް ދެމުން އަންނަ ކުންފުންޏެކެވެ. އެ އިންޖީނުގެތައް ގާއިމުކޮށްފައިވާ ރަށްރަށުގެ މަގުތަކާއި ބަނދަރުތަކުގައި މަގު ބައްތި ދިއްލާ އެއަށް ކަރަންޓު ދިނުމުގެ ޒިންމާ މަތިކޮށްފައި އޮންނަނީ ފެނަކައަށެވެ. އެހެންކަމުން އެ މަގުބައްތީގެ ދިއްލުންތައް ޒަމާނީ ފެންވަރަށް ބަދަލުކޮށް، ކަރަންޓް ޚަރަދު ކުޑަކުރުމުގެ ގޮތުން، ލެޑްލައިޓުތަކަށް ބަދަލުކޮށް، އަދި ކަރަންޓުގައި ޖެހިގެން އެއްވެސް ކަހަލަ އަނިޔާއެއް ލިބިދާނެތީ، ހޮޅިދަނޑި މެދުވެރިކޮށް ކަރަންުޓުދޭ ތަންތަނުގައި އީލްއެލްސީބީ ހަރުކޮށް އާތުކޮށް ރައްޔިތުންނަށް ފަސޭހަވާނެ ގޮތަކަށް މަސައްކަތް ކުރަމުންދާކަމަށް ފެނަކައިގެ މެނޭޖްމެންޓްއިން ބުނެއެވެ.
ފެނަކައިން ބުނީ، އެ ބައްތިތަކަކީ ކައުންސިލްތަކުގެ ބެލެނިވެރިކަމުގެ ދަށުން ބަލަހައްޓާ، އަދި އެ ކޯޕަރޭޝަނުން ކަރަންޓު ފޯރުކޮށްދެމުން ގެންދާ ބައްތިތަކެއް ކަމަށެވެ. އަދި ކައުންސިލްތަކާ އެއްބަސްވެވޭ ގޮތެއްގެ މަތިން، ދެމެހެއްޓެނިވި ގޮތެއްގައި ފެނަކައިގެ ފަރާތުން އިޖްތިމާއީ ބޭނުމަށް ދިއްލާ ބައްތިތައް ބެލެހެއްޓުމަށް ހުށަހެޅުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ފެނަކައިން ބުންޏެވެ.
މިހާރުވެސް ކައުންސިލްތަކުން ގޮވާލާ ވަގުތުތަކުގައި ފެނަކައިގެ ފަންނީ ބޭފުޅުންގެ އެހީތެރިކަން ކައުންސިލްތަކަށް ދަނީ ފޯރުކޮށްދެމުންނެވެ.




