ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓު (ވީއައިއޭ) މެދުވެރިކޮށް މި ހިނގާ ޖުލައި މަހު ފުރި ޢުމްރާވެރިންނަށް ލުއިފަސޭހަ، އަވަސް އަދި މަޑުޖެހުންކުޑަ ޚިދުމަތްތަކެއް ފޯރުކޮށްދިނުމަށް، މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ހިންގި ޚާއްސަ އޮޕަރޭޝަން، މިއަދު ފަހު ޢުމްރާ ގްރޫޕް ފުރުމާއެކު ނިންމާލައިފިއެވެ.
މި މަހު ރާއްޖެއިން 5،565 އަށްވުރެ ގިނަ ޢުމްރާވެރިން ފުރުމާއެކު، އޮޕަރޭޝަން ނިމި، ހުރިހާ ޢުމްރާވެރިންވެސް ވަނީ ރާއްޖެއިން ފުރާފައެވެ.
މި އޮޕަރޭޝަން ހިންގުމަށް އެ ކުންފުނީގެ ޕެސެންޖަރ ސާވިސަސް، ޓާމިނަލް ސާވިސަސް އަދި އެސްޓޭޓް ސެކިޔުރިޓީ ސާވިސަސް ގުޅިގެން ގިނަ ޚާއްސަ އިންތިޒާމުތަކެއް ހަމަޖެއްސިއެވެ.
އޮޕަރޭޝަންގެ ދަށުން އެޅުނު މުހިންމު ފިޔަވަޅެއްގެ ގޮތުގައި، 100 އަށްވުރެ ގިނަ މީހުން ހިމެނޭ ގްރޫޕްތަކަށް ފުރުމުގެ އެއް ދުވަސް ކުރިން ޕްރީ-ޗެކިން ހެދުމުގެ ފުރުސަތު އެމްއޭސީއެލްއިން ހުޅުވާލިއެވެ. މިއާއެކު ޢުމްރާވެރިންގެ ފޮށިތައް ކުރިއާލާ ޗެކިންކޮށް، ބޯޑިންގ ޕާސް ދޫކުރުމުގެ މަސައްކަތް ޓާމިނަލް ސަޕޯޓް ސާވިސަސްގެ އެހީތެރިކަމާއެކު އޮމާންކޮށް ކުރިއަށް ގެންދެވުނެވެ. އަދި މޯލްޑިވްސް އިމިގްރޭޝަނާ ގުޅިގެން ޕާސްޕޯޓްތަކުގެ އެޑްވާންސް ކްލިއަރެންސް ހެދުމުގެ އިންތިޒާމުވެސް ހަމަޖެއްސިއެވެ.
ޢުމްރާވެރިން އެއަރޕޯޓަށް ވަޑައިގަތް ވަގުތު، އެ ބޭފުޅުންނަށް ޚާއްސަ ކުރެވިފައިވާ ދޮރަކުން ޓާމިނަލަށް ވަންނަން ފަސޭހަކޮށްދީ، އިމިގްރޭޝަން އަދި ސެކިޔުރިޓީ ސްކްރީނިންގ މަރުޙަލާތައް އަވަސްކުރުމަށް ވަކި ކައުންޓަރުތަކާއި އެކްސް-ރޭ މެޝިންތައް ޚާއްސަކުރިއެވެ. މީގެ އިތުރުން، އެއަރޕޯޓުގެ ބޭރުގެ ސަރަޙައްދު ތަރުތީބުކޮށް، ޓެކްސީ ކިއުތައް ބެލެހެއްޓުމާއި، އުޅަނދުފަހަރަށް ފަސޭހައިން ވަދެ ނިކުމެވޭނެ މަގުތައް ކުންފުނީގެ އެސްޓޭޓް ސެކިޔުރިޓީ ސާވިސަސްއިން ބެލެހެއްޓިއެވެ.
މި ޚާއްސަ އޮޕަރޭޝަންގެ ސަބަބުން، ޢުމްރާވެރިންނަށް ޗެކިން، އިމިގްރޭޝަން، ސެކިޔުރިޓީ ސްކްރީނިންގ އަދި ބޯޑިންގ އޮމާންކޮށް އަދި އަވަހަށް ނިންމާލެވި، އެއްވެސް ބޮޑު ބުރޫއެރުމެއްނެތި ފުރުމުގެ ޚިދުމަތް ފޯރުކޮށްދިނެވެ.
އެމްއޭސީއެލްގެ މައިގަނޑު މަޤްސަދަކީ، މިފަދަ ބާރުބޮޑު ދުވަސްވަރުގައިވެސް ޢުމްރާވެރިންނަށާއި އެހެނިހެން ފަސިންޖަރުންނަށް ދޭ ޚިދުމަތްތައް އެއްވެސް ބުރޫއެރުމެއްނެތި، ފުރިހަމަ އަދި އޮމާން ގޮތެއްގައި ފޯރުކޮށްދިނުން ކަމުގައި އެ ކުންފުނިން ބުންޏެވެ.
މި އޮޕަރޭޝަން ކާމިޔާބުކަމާއެކު ނިންމުމަށް އެހީތެރިވެދެއްވި މޯލްޑިވްސް އިމިގްރޭޝަނާއި، އެއަރލައިންތަކާއި، ޓްރެވެލް އެޖެންސީތަކާއި، ޢުމްރާ ގްރޫޕްތަކާއި، ކަމާ ގުޅުންހުރި ހުރިހާ މުއައްސަސާތަކާއި ފަރާތްތަކުން ދެއްވި އެއްބާރުލުމަށް އެމްއޭސީއެލްއިން ޝުކުރު ދެންނެވިއެވެ.



