ބޭންކް އޮފް މޯލްޑިވްސް(ބީއެމްއެލް)އިން ހިއްސާގެ ފައިދާގެގޮތުގައި ހިއްސާއަކަށް 50 ރުފިޔާ ބަހަން ފާސްކޮށްފި އެވެ.
ރޭ ބޭއްވި އެކުންފުނީގެ އަހަރީ އާންމު ޖަލްސާގައި ހިއްސާދާރުން، ހިއްސާގެ ފައިދާގެގޮތުގައި ހިއްސާއަކަށް 50 ރުފިޔާގެ މަގުން ޖުމްލަ 269 މިލިއަން ރުފިޔާ ބެހުމަށް ވަނީ ފާސްކޮށްފަ އެވެ. މިދިޔަ އަހަރު ހިއްސާގެ ފައިދާގެ ގޮތުގައި ބެހީ ހިއްސާއަކަށް 40 ރުފިޔާގެ މަގުން ޖުމްލަ 215 މިލިއަން ރުފިޔާއެވެ. މިއީ އެކުންފުނީގެ ތާރީޚުގައިވެސް މިހާ ބޮޑު އަދަދަކުން ހިއްސާގެ ފައިދާ ބެހުމަށް ނިންމި ފުުރަތަމަ ފަހަރެވެ.
ހިއްސާގެ ފައިދާގެ ގޮތުގައި ހިއްސާއަކަށް 50 ރުފިޔާ ބަހަން ނިންމުމާއެކު، ބޭންކުގެ އެންމެ ބޮޑު ހިއްސާދާރުކަމަށްވާ ދިވެހި ސަރުކާރަށް ހިއްސާގެ ފައިދާގެ ގޮތުގައި 136.6 މިލިއަން ރުފިޔާ ލިބިގެންދާނެއެވެ. އަދި 2023 ވަނަ އަހަރުގެ ޓެކުހުގެ ގޮތުގައި އިތުރު 628 މިލިއަން ރުފިޔާ ލިބޭނެއެވެ.
ރޭގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން، ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ ކާރލް ސްޓުމްކަ ވިދާޅުވީ ބޭންކުގެ ތާރީޚުގައިވެސް ހިއްސާގެ ފައިދާގެ ގޮތުގައި ދެވޭ އެންމެ ބޮޑު އަދަދު ބެހުމަށް ފާސްވެގެން ދިޔައީ ބީއެމްއެލްއަށް މިހާތަނަށް ލިބުނު އެންމެ ރަނގަޅު ނަތީޖާ މިވޭތުވެދިޔަ 2023 ވަނަ ހޯދުމުގެ ސަބަބުކަމަށެވެ.
”މި ފުރުސަތުގައި އަޅުގަނޑުމެންގެ ކަސްޓަމަރުން މެދުކެނޑުމެއްނެތި ދެއްވާ އެއްބާރުލުމަށް ޝުކުރު އަދާކުރަން. އަދި ކަސްޓަމަރުން ހިދުމަތް ހޯދުމުގައި ކުރާ ތަޖުރިބާ ރަނގަޅުކޮށް، ހިދުމަތްތައް ހޯދުމުގައި ވީހާވެސް ފަސޭހަގޮތްތައް ފޯރުކޮށްދިނުމަށް މަސައްކަތްކުރާނަން. އަޅުގަނޑުމެން ހަރުދަނާ ހިންގުންތެރިކަމެއް ގާއިމުކުރުމަށާއި ކަސްޓަރުންނަށް ދޭ ހިދުމަތް އެންމެ މަތީ މިންގަނޑެއްގައި ހިފަހައްޓައި، ޑިޖިޓަލައިޒޭޝަންއަށް ހާއްސަ ސަމާލުކަމެއްދީގެން، ދެމެހެއްޓެނެވި އަދި ގުޅިގެން އެންމެންނަށްވެސް އަދަށްވުރެ ފެހި މާދަމައެއް ހޯދައިދިނުމަށް އަޅުގަނޑުމެން މަސައްކަތްކުރާނަން.“ ބީއެމްއެލްގެ ސީއީއޯ ކާރލް ސްޓުމްކަ ވިދާޅުވި އެވެ.
ސްޓުމްކަ ވަނީ ޑިރެކްޓަރުންގެ ބޯޑުން ދެއްވި އިރުޝާދާއި، ހިއްސާދާރުން ބޭންކް އޮފް މޯލްޑިވްސް އަށް ކުރާ އިތުބާރަށް ޝުކުރު އަދާކުރައްވާފަ އެވެ. އަދި، ރާއްޖޭގައި އެންމެން އިހުތިޔާރު ކުރާ ބޭންކަކަށް ބީއެމްއެލް ހެދުމުގެ އަމާޒަށް ވާސިލްވުމަށް މެދުކެނޑުމެއްނެތި މަސައްކަތްކުރައްވާނެކަމުގެ ޔަގީންކަން ދެއްވި އެވެ.
މިދިޔަ އަހަރު ބީއެމްއެލްއަށް ސާފު ފައިދާގެ ގޮތުގައި ދެ ބިލިއަން ރުފިޔާ ލިބުނެ އެވެ. އެއީ ބީއެމްއެލްގެ ތާރީހުގައި އެންމެ ބޮޑު ފައިދާއެއް ލިބުުނު އަހަރެވެ. ބީއެމްއެލްގެ ރައުސުލްމާލުގެ އަގު 45 ބިލިއަން ރުފިޔާއަށް އަރާއިރު، އެ ބޭންކުން 340،000 ކަސްޓަމަރުން ހިދުމަތް ހޯދައެވެ.




