އެކުވެރި އަރަބި އިމާރާތުގެ ދިރުހަމް (އޭއީޑީ) އަދި ޗައިނީސް ޔުއާން (ރެންމިންބީ) އިން ކަސްޓަމަރުން މުއާމަލާތްކުރަން ތައްޔާރުވަމުން އަންނަކަމަށް އެ ބޭންުކުގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ ކާރލް ސްޓުމްކަ ވިދާޅުވެއްޖެ އެވެ.
ރޭ ބޭއްވި ބޭންކް އޮފް މޯލްޑިވްސްގެ އަހަރީ އާންމު ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ސްޓުމްކަ ވިދާޅުވީ ޔޫއޭއީގެ ދިރުހަމް އަދި ޗައިނީސް ޔުއާން އިން ކަސްޓަމަރުން މުއާމަލާތްކުރެވޭނެ ގޮތަށް ދާދިފަހުން ބީއެމްއެލްގެ ސިސްޓަމްތައް ކޮންފިގްރޭޓް ކޮށްފައިވާކަމަށެވެ. އަދި، މިހާރު ރެންމިންބީ އިން ސެޓްލްމަންޓްތައް ލިބެން ބޭނުންވާ ކަސްޓަމަރުންނަށް ރެންމިންބީ އެކައުންޓްތައް ފޯރުކޮށްދީ، ކުރިއަށް އޮތްތަނުގައި ފައިސާ ދެއްކުމަށް މި ހިދުމަތް ބޭނުންކުރާނެކަމަށް އޭނާ ވިދާޅުވި އެވެ.
ސްޓުމްކަ ވިދާޅުވީ، 2023 ވަނަ އަހަރު، ސާފު ފައިދާގެ ގޮތުގައި 2.07 ބިލިއަން ރުފިޔާ ބޭންކަށް ލިބިފައިވާކަމަށާއި، މިއީ މިހާތަނަށް ބޭންކަށް ހޯދުނު އެންމެ މަތީ އަދަދުކަމަށެވެ. އަދި، މި ފުރިހަމަ ކާމިޔާބީ ލިބިފައިވަނީ ލިކުއިޑިޓީ މެނޭޖްމަންޓް، ޓްރެޝަރީ ބިލްއަށް އިންވެސްޓްކުރުން، އަދި ލޯނު ޕޯޓްފޯލިއޯ އިތުރުކުރަން ކުރި މަސައްކަތުގެ ސަބަބުންކަން އޭނާ ފާހަނަގަ ކުރެއްވި އެވެ.
ސްޓުމްކަ ވިދާޅުވީ، ބީއެމްއެލްގެ ކަސްޓަމަރުން ޑިޕޮސިޓްކުރި އަދަދު 1.6 ބިލިއަން ރުފިޔާއަށް އިތުރުވެއި ވާކަމަށެވެ. އަދި، ކަސްޓަމަރުން ބީއެމްއެލްއަށް ކުރާ އިތުބާރާއެކު، ރާއްޖޭގެ އެންމެ ބޮޑު ބޭންކުގެ ގޮތުގައި މާކެޓްގެ %55 އިންސައްތައާއެކު ބީއެމްއެލްގެ މަގާމު އިތުރަށް ވަރުގަދަވެފައިވާކަމަށެވެ.
ބޭންކުގެ ކާމިޔާބީއާމެދު ފަހުރުވެރިވާކަން ފާޅުކުރައްވާ، ސްޓުމްކަ ވިދާޅުވީ، މި ކާމިޔާބީ އަށް ވާސިލްވުމަށް ކަސްޓަމަރުންނަށް ދޭ ހިދުމަތާއި، އިންފްރާސްޓްރަކްޗަރ، ޑިޖިޓަލް ސޮލިއުޝަންސް އަދި ދެމެހެއްޓެނެވި ގޮތެއްގައި މަސައްކަތް ކުރުމާއި މުޖުތަމައަށް ފޯރުކޮށްދޭ އެހީ މުހިންމު ދައުރެއް އަދާކޮށްފައިވާކަމަށެވެ. އަދި ކަސްޓަމަރުން ބީއެމްއެލްއށް ކުރާ އިތުބާރަށް ސްޓުމްކަ ވަނީ ޝުކުރު އަދާކުރައްވާފަ އެވެ.
”ތިޔަބޭފުޅުން ފަސްނުޖެހި އަޅުގަނޑުމެންނަށް ތިޔަ ކުރައްވާ އިތުބާރަށް ޝުކުރުއަދާކުރަން. އަޅުގަނޑުމެންގެ ކާމިޔާބީގެ ބިންގަލަކީ ތިޔަދެއްވާ އެއްބާރުލުން. އަދި ބޭންކުގެ މި ކާމިޔާބު ދަތުރުގައި ތިޔަބޭފުޅުން ތިއްބެވިކަމީ އަޅުގަނޑުމެންނަށް ލިބޭ ޝަރަފެއް. ވީހާވެސް ފަސޭހަކަމާއެކު ބޭންކިންގ ހިދުމަތް ލިބޭނެ ގޮތްތަކާއި ތިޔަބޭފުޅުން ހިދުމަތް ހޯއްދެވުމުގައި ކުރައްވާ ތަޖުރިބާ އިތުރަށް ރަނގަޅުކުރުމަށް އަޅުގަނޑުމެން އިތުރަށް މަސައްކަތްކުރާނަން.“ ބީއެމްއެލްގެ ސީއީއޯ ސްޓުމްކަ ވިދާޅުވި އެވެ.
ރޭ ބޭއްވި އެކުންފުނީގެ އަހަރީ އާންމު ޖަލްސާގައި ހިއްސާދާރުން، ހިއްސާގެ ފައިދާގެގޮތުގައި ހިއްސާއަކަށް 50 ރުފިޔާގެ މަގުން ޖުމްލަ 269 މިލިއަން ރުފިޔާ ބެހުމަށް ވަނީ ފާސްކޮށްފަ އެވެ. މި ނިންމުމާއެކު، ބޭންކުގެ އެންމެ ބޮޑު ހިއްސާދާރުކަމަށްވާ ދިވެހި ސަރުކާރަށް ހިއްސާގެ ފައިދާގެ ގޮތުގައި 136.6 މިލިއަން ރުފިޔާ ލިބިގެންދާނެއެވެ. އަދި 2023 ވަނަ އަހަރުގެ ޓެކުހުގެ ގޮތުގައި އިތުރު 628 މިލިއަން ރުފިޔާ ލިބޭނެއެވެ.




