ސަރުކާރުތަކުން އަމިއްލަ ފަރާތްތަކާއެކު އިތުރަށް ގުޅުން ބަދަހިކޮށް، އަމިއްލަ ވިޔަފާރީގެ ދާއިރާގެ އިންވެސްޓްމަންޓްތައް އިތުރުކުރުމަށް ފަހި މާޙައުލެއް ޤާއިމުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގޮވާލައްވައިފިއެވެ.
އެ މަނިކުފާނު މިހެން ގޮވާލެއްވީ މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީއިން އިންތިޒާމުކޮށްގެން ކުދިޖަޒީރާ ޤައުމުތަކުގެ ހަތަރުވަނަ ބައިނަލްއަޤްވާމީ ކޮންފަރެންސްގެ ހަވާސާގައި ކުރިޔަށްގެންދިޔަ ”ދި ޕިވޮޓަލް ރޯލް އޮފް ޕްރައިވެޓް ސެކްޓަރ ފައިނޭންސިންގ ފޮރ ކްލައިމެޓް ރިޒިލިއެންސް“ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުންނެވެ.
ރައީސްގެ ވާހަކަފުޅުގައި އިޤްތިޞާދު ސިންދަފާތުކުރެވޭނީ ވިޔަފާރީގެ ޢާންމު އުސޫލުތައް އަލުން މުރާޖަޢާކޮށްގެން ކަމަށް ފާހަގަ ކުރެއްވިއެވެ. އަދި މިކަމަށްޓަކައި ސަރުކާރުތަކުން އަމިއްލަ ފަރާތްތަކާއެކު އިތުރަށް ގުޅުން ބަދަހިކޮށް، އަމިއްލަ ވިޔަފާރީގެ ދާއިރާގެ އިންވެސްޓްމަންޓްތައް އިތުރުކުރުމަށް ފަހި މާޙައުލެއް ޤާއިމުކުރަންޖެހޭ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. އަމިއްލަ ވިޔަފާރީގެ ދާއިރާއިން ތަރައްޤީއަށް އަގު ނުކުރެވޭފަދަ މަސައްކަތްތަކެއް ތަޖުރިބާއާ، އީޖާދީ ވިސްނުމާއި ގާބިލުކަމުގެ ގޮތުން ގެނެސްދޭ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ގެ ވާހަކަފުޅު ކުރިއަށް ގެންދަވަމުން، އިޤްތިޞާދު ސިންދަފާތު ކުރުމާ ދިމާލަށް ދިވެހިރާއްޖެއިން ވަނީ މިސްރާބު ޖަހާފައިކަން ހާމަކުރެއްވިއެވެ. މިގޮތުން، އިންވެސްޓްމަންޓުގެ ގޮތުގައި އެއަރޕޯޓުތައް ފަދަ ބިނާރުތަކާއި ޞިއްޙީ ވަޞީލަތްތަކާއި މުވާސަލާތާއި ރިއަލް އެސްޓޭޓާއި ޓްރާންސް ޝިޕްމަންޓް ބަނދަރުތަކަކީ މިކަމުގެ ނާރެސް އަދި އިޤްތިޞާދީ ކުރިއެރުމާއި މީހުން ކުރިއަރައި ދިއުމަށް ބޭނުންވާނެ ވަޞީލަތްކަމުގައި އެ މަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވިގޮތުގައި ރަސްމާލެ ތަރައްޤީ ކުރެވިގެންދާނީ ޒަމާނީ، ދެމެހެއްޓެނިވި އަދި މޫސުމީ ބަދަލުތަކަށް ވިލުންތެރި މާހައުލެއްގެ ގޮތުގައެވެ. އެގޮތުން ރަސްމާލެއާއެކު ބޯހިޔާވަހިކަމުގެ ދަތިކަން ޙައްލުކުރުމަށް އަމާޒު ހިފާފައިވާއިރު، އިޤްތިޞާދީ ތަނަވަސްކަމަށް ދޮރުތައް ހުޅުވި، ތަނަވަސްކަމާއިއެކު ތަރައްޤީގެ ފޮނިމީރުކަން އެންމެން ޝާމިލުވާހެން ލިބި، ދިރިއުޅުމުގެ ފަސޭހަތަކަށް މަގުފަހިވެގެންދާނެ ކަމަށް ވިދާޅުވިއެވެ.
ރާއްޖެއަށް އެތެރެކުރާ ކާބޯތަކެއްޗަށް ބަރޯސާވުން ކުޑަކޮށް، ކާނާގެ ޔަޤީންކަން ބޮޑުކުރުމަށްޓަކައި ދިވެހިރާއްޖެއިން ދަނީ ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ފުޅާ ދާއިރާއެއްގައި ދަނޑުވެރިކަން ކުރުމަށް ފުރުޞަތުތައް ހޯދަމުންކަން ރައީސް ފާހަގަކުރެއްވިއެވެ. މިގޮތުން ދަނޑުވެރިކަމުގެ ސިނާޢީ ޕާކެއް ރާއްޖޭގައި ޤާއިމުކުރައްވާނެކަން ރައީސްގ ޑރ. މުއިއްޒުގެ ވާހަކަފުޅުގައި އިޢުލާނުކުރެއްވިއެވެ.



