މިހާރު ސްރީލަންކާގައި ކުރިޔަށްދާ އިންޑިއަން އޯޝަން ރިމް އެސޯސިއޭޝަން(އަޔޯރާ) ބިޒްނެސް ކޮންކްލޭވްގައި ރާއްޖެއިން ބައިވެރިވެއްޖެ އެވެ.
މި ބިޒްނެސް ކޮންކްލޭވްގައި ދިވެހިރާއްޖެ ތަމްސީލްކުރަމުންދަނީ ބިޒްނެސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) އިންނެވެ.
އަޔޯރާގެ މެންބަރެއްގެ ހައިސިއްޔަތުން، އެ ކޮންކްލޭވްގައި ބައިވެރިވެފައިވާއިރު، ބީސީސީން ދަނީ އިންވެސްޓަރުންނާއި ބައްދަލުކޮށް ދިވެހި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް ކުރެވިދާނެ ކަންތައްތަކާއި ގުޅޭގޮތުން މަޝްވަރާ ކުރަމުންނެވެ. އެގޮތުން، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށްޓަކައި ރާއްޖޭގައި އިންވެސްޓްމަންޓް ކުރެވިދާނެ ފުރުސަތުތައް ދެނެގަނެ އެފަދަ ފުރުސަތުތައް ފަހި ކުރެވޭނެ ގޮތްތަކާއި ގުޅޭގޮތުން މަޝްވަރާކުރާނެކަމަށް ބީސީސީން ބުނެފައި ވެއެވެ.
އިއްޔެއިން ފެށިގެން މިއަދުގެ ނިޔަލަށް ކުރިޔަށްދާ މި ބައްދަލުވުމުގައި އަޔޯރާގެ މެންބަރު 23 ގައުމަކުންނާއި، އަޔޯރާ ސަރަަހައްދުން ބޭރުން 12 ގައުމަކުން ވަފްދުތައް ބައިވެރިވެފައި ވެއެވެ. އަޔޯރާ ބިޒްނެސް ކޮންކްލޭވްގައި މިއަހަރު އަމާޒުކޮށްފައިވަނީ އައިސީޓީއާއި، ދަނޑުވެރިކަމާއި، ފަތުުރުވެރިކަމާއި، އިޔާދަކުރަނިވި ހަކަތައިގެ ދާއިރާއިން ވިޔަފާރީގެ ގުޅުން އިތުރަށް ވަރުގަދަކޮށް މި ދާއިރާތަކަށް އިންވެސްޓްމެންޓް ހޯދާ ތަރައްގީކުރުމަށް މަސައްކަތް ކުރުމަށެވެ. މީގެ އިތުުރުން ވިޔަފާރީގެ ދާއިރާއިން އަންހެނުން ބާރުވެރިކުރުވުންވެސް މިއީ، މިއަހަރު ވަކި ޚާއްސަ ފޯކަސް އެއް ދެވިފައިވާ ދާއިރާ އެކެވެ.
އަޔޯރާ ބިޒްނެސް ކޮންކްލޭވްގައި ބައިވެރިވާ އެކި ގައުމުތަކުގެ މަންދޫބުން މި ދާއިރާއިން ބޭނުންވާ އެހީތެރިކަމާއި އެއްބާރުލުން ހޯދުމާއި ގުޅޭގޮތުން މަޝްވަރާ ކުރުމަށް ފަހި ފުރުސަތުތައް ވަނީ ލިބިގެން ގޮސްފަ އެވެ. ވަކިން ޚާއްސަކޮށް އެހެން ގައުމުތަކުގެ ވިޔަފާރިތަކާއެކު ނެޓްވޯކިންގ އެޅި، ޚިޔާލު ބަދަލުކޮށް، އިންވެސްޓްމެންޓަށް ހުރި ފުރުސަތުތައް މި ކޮންކްލޭވްގެ ތެރެއިން އެނގިގެން ދާނެއެވެ. އެހެންކަމުން މިއީ، ބީސީސީއަށް ލިބިގެންދާ ވަރަށް ރަަނގަޅު ފުރުސަތެކެވެ.



