ދިވެހިރާއްޖެއާއި ބަންގްލަދޭޝްއާ ދެމެދު ސީދާ ޝިޕިން ގުޅުމެއް ގާއިމުކުރުމާ ގުޅޭގޮތުން ދެ ޤައުމުގެ ފޮރިން މިނިސްޓަރުން އިއްޔެ މަޝްވަރާކުރައްވައިފިއެވެ.
މި މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވަނީ ބަންގްލަދޭޝްގެ ފޮރިން މިނިސްޓަރު ޚަލީލުއްރަޙްމާނާއި ރާއްޖޭގެ ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމްއާ ދެމެދު މާލޭގައި ބޭއްވި ރަސްމީ ބައްދަލުވުމެއްގައެވެ. ބަންގްލަދޭޝްގެ ފޮރިން މިނިސްޓްރީން ބުނި ގޮތުގައި، މި މަޝްވަރާތަކުގެ މައިގަނޑު ބޭނުމަކީ ދެ ގައުމުގެ ދެމެދުގައި ވިޔަފާރީގެ ގުޅުން ބަދަހިކުރުމެވެ.
އެ މިނިސްޓްރީން ނެރުނު ބަޔާނަކާ ހަވާލާދީ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި ބައްދަލުވުމުގައި ދެ ގައުމުގެ ދެމެދުގައި ގިނަ ދާއިރާތަކަކުން ގުޅުން ބަދަހިކުރުމަށް ވަނީ މަޝްވަރާކޮށްފައެވެ. އޭގެ ތެރޭގައި، ހިޖުރަކުރުމާއި ބިދޭސީ މަސައްކަތްތެރިންގެ ރައްކާތެރިކަމާއި، ފަތުރުވެރިކަމާއި، ތަޢުލީމާއި، ސިއްހީ ދާއިރާގެ އިތުރުން ނޫ އިގުތިސާދު (ބްލޫ އިކޮނޮމީ) އަދި ކަނޑުދަތުރުފަތުރުގެ ގުޅުން ހިމެނެއެވެ.
ރާއްޖެއަކީ ގިނަ އަދަދެއްގެ ބަންގްލަދޭޝް މަސައްކަތްތެރިން ވަޒީފާ އަދާކުރާ ގައުމަކަށް ވުމާއެކު، އެ މީހުންގެ ހައްގުތައް ރައްކާތެރިކުރުމާ ގުޅޭގޮތުން ވެސް މި ބައްދަލުވުމުގައި ވަނީ ވާހަކަދެކެވިފައެވެ. ބަންގްލަދޭޝް ސަރުކާރުން މިހާރު ވެސް ދަނީ އެ ގައުމުން ބޭރުގައި މަސައްކަތްކުރާ މީހުންނަށް ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މީގެ އިތުރުން، ދެ ގައުމުގެ ދެމެދުގައި އިސް ފަންތީގެ ދަތުރުތައް ކުރުމާ ގުޅޭގޮތުން ވެސް ދެ މިނިސްޓަރުން ވަނީ ޚިޔާލު ބަދަލުކުރައްވާފައެވެ.



