ދެކުނު އޭޝިއާގެ މައި ފުޓްބޯޅަ މުބާރާތް ކަމަށްވާ، ސައުތު އޭޝިއަން ފުޓްބޯލް ފެޑެރޭޝަން (ސާފް) ޗެމްޕިއަންޝިޕްގެ ޓައިޓަލް ސްޕޮންސަރަކަށް ޗައިނާގެ މޯބައިލް ފޯން ކުންފުނި ޓެކްނޯ ހަމަޖައްސައިފިއެވެ.
އެހެންކަމުން ނޮވެމްބަރު 4 އިން 17 އަށް ބަންގްލަދޭޝްގެ ވެރިރަށް ޑާކާގައި އޮންނަ މި އަހަރުގެ މުބާރާތް ކުރިއަށްދާނީ ”ޓެކްނޯ ސާފް ޗެމްޕިއަންޝިޕް“ ގެ ނަމުގައެވެ.
ސާފްއާއި ބަންގްލަދޭޝް ފުޓްބޯޅަ ފެޑެރޭޝަން ގުޅިގެން އިއްޔެ ޑާކާގައި ބޭއްވި ހާއްސަ އިވެންޓެއްގައި މި އަހަރުގެ މުބާރާތް ވަނީ ރަސްމީކޮށް ލޯންޗުކޮށްފައެވެ.
ޑާކާ ޝެރެޓަން ހޮޓަލުގައި އޮތް މި އިވެންޓުގައި މި ސަރަހައްދުގެ ގައުމުތަކުގެ މަންދޫބުންނާއި، ފުޓްބޯޅައިގެ އިސްވެރިންގެ އިތުރުން، ނޫސްވެރިންނާއި، ސޯޝަލް މީޑިއާ އިންފްލުއެންސަރުން ބައިވެރިވި އެވެ. ރާއްޖޭގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ ބަންގްލަދޭޝްގައި ހުންނަވާ ދިވެހި ސަފީރު ޝިއުނީން ރަޝީދެވެ.
ސާފްގެ ގެ ޖެނެރަލް ސެކްރެޓަރީ ޕުރުޝޮޓަމް ކަޓޭލް ވިދާޅުވީ ޓެކްނޯއާ އެކު ވެވުނު ޕާޓްނާޝިޕާ އެކު މި މުބާރާތް އިތުރު ހަރުފަތަކަށް އުފުލިގެންދާނެ ކަމަށެވެ.
މި މުބާރާތުގެ ޓައިޓަލް ސްޕޮންސަރުކަން މީގެ ކުރިން ނަގާފައިވާ ކުންފުނިތަކުގެ ތެރޭގައި ހިމެނެނީ ކޮކާކޯލާ، ކާބަން، އަދި ސުޒުކީ އެވެ.



