އެމެރިކާ އާއި އީރާނާ ދެމެދު ބަދަލުކުރަމުންދިޔަ ހަމަލާތައް މެދުކަނޑާލުމާ ގުޅިގެން، ދުނިޔޭގެ ހިއްސާގެ ބާޒާރުތައް ކުރިއަރައި، ތެލުގެ އަގު ވަރަށް ބޮޑަށް ދަށަށް ހިނގައްޖެއެވެ.
މި ބަދަލު އައިސްފައި މި ވަނީ ބޮޑެތި ކުންފުނިތަކުގެ މާލީ ރިޕޯޓުތަކާއި މަރުކަޒީ ބޭންކުތަކުގެ ނިންމުންތައް ހާމަކުރުމަށް ހަމަޖެހިފައިވާ ހަފުތާއަކާ ދިމާކޮށެވެ.
އެމެރިކާ އާއި އީރާނުން ހަމަލާތައް ބަދަލުކުރުން ހުއްޓާލުމާ އެކު، ސާފު ނުކުރާ ތެލުގެ ބައިނަލްއަގުވާމީ ބެންޗްމާކް ބްރެންޓްގެ އަގު ހަތަރު ޕަސެންޓަށްވުރެ ބޮޑަށް ދަށަށް ގޮސް، ފީފާއެއްގެ އަގު 87 ޑޮލަރަށް ވަނީ ތިރިވެފަ އެވެ. މިއީ ހަމަލާތައް ހުއްޓާލުމުން ގަލްފު ކަނޑުގެ ދަތުރުފަތުރާއި ތެލުގެ ސިނާއަތަށް ލިބުނު ލުއީގެ ނަތީޖާއެވެ.
އެގޮތުން ތެލުގެ އަގުތައް މިއަދު ހުރީ:
– ބްރެންޓް: 4.7 ޕަސެންޓް ދަށަށް – ފީފާއެއް 87.33 ޑޮލަރަށް
– ވެސްޓް ޓެކްސަސް އިންޓަމީޑިއަޓް: 5.5 ޕަސެންޓް ދަށަށް – ފީފާއެއް 84.42 ޑޮލަރަށް
އެމެރިކާއިން ހަމަލާތައް މެދުކަނޑާލީ ”މަޝްވަރާތަކަށް ފުރުސަތު ދޭން“ ކަމަށް އެމެރިކާއިން އދ. އަށް ކަނޑައަޅާފައި ހުންނަވާ މަންދޫބު ވިދާޅުވެފައި ވާއިރު އީރާނުން ވަނީ އެމެރިކާއިން ހަމަލާ ނުދޭތީ އެ ގައުމުން ވެސް ރައްދު ނުދޭނެ ކަމަށް ބުނެފައެވެ.
އުމާންގެ ކަނޑުގެ ސަރަހައްދުން ހޮރްމުޒް ކަނޑުއޮޅިން ދަތުރުކުރި އުޅަނދުފަހަރަށް އީރާނުން ހަމަލާދިނުމާ ގުޅިގެން، އެމެރިކާ އާއި އީރާނާ ދެމެދު އޮތް، ހަމަލާ ބަދަލުކުރުން މެދުކަނޑާލުމުގެ އެއްބަސްވުން ރޫޅި، މި މަހު އަލުން ހަމަލާތައް ފެށުނެވެ. މަސްރަހު ގޯސްވުމާ ގުޅިގެން ތެލުގެ އަގު ވަރަށް ބޮޑަށް އުފުލި، ފާއިތުވި ހަފުތާގައި ބްރެންޓް ތެލުގެ އަގު ވަނީ ފާއިތުވި މޭ މަހަށް ފަހު ފުރަތަމަ ފަހަރަށް، ފީފާއެއްގެ އަގު 100 ޑޮލަރަށްވުރެ މައްޗަށް ގޮސްފައެވެ.



