މެރިކާގެ މަޝްހޫރު ކުންފުނި ޖޯންސަން އެންޑް ޖޯންސަން އިން އުފެއްދި ޓެލްކަމް-ބޭސްޑް ބޭބީ ޕައުޑަރު ބޭނުންކުރުމުގެ ސަބަބުން އޯވަރީގެ ކެންސަރު ޖެހިފައިވާ ކަމަށް ބުނެ، އެތައް ހާސް ބަޔަކު އެ ކުންފުންޏާ ދެކޮޅަށް ކޯޓަށް ހުށަހަޅާފައިވާ މައްސަލަތައް ނިންމުމަކަށް ގެންނަން 5.5 ބިލިއަން ޑޮލަރު ދޭން އެ ކުންފުނިން ހުށަހަޅައިފިއެވެ.
ކުންފުންޏާ ދެކޮޅަށް ހުށަހަޅާފައިވާ ގާތްގަނޑަކަށް 69،000 މައްސަލަ (ނުވަތަ ބާކީ ހުރި ދައުވާތަކުގެ 99.75 ޕަސެންޓް) އަނބުރާ ގެންދަން ޖެހޭނެ ކަމަށް މި ހުށަހެޅުމުގައިވެއެވެ.
ޖޯންސަން އެންޑް ޖޯންސަން އިން 5.5 ބިލިއަން ޑޮލަރު ދައްކަން ހުށަހަޅާފައި ވަނީ މި އަހަރު 3 ބިލިއަން ޑޮލަރު އަދި ބާކީ ފައިސާ 2028 ގައި ދައްކާ ގޮތަށެވެ.
މި އެއްބަސްވުން ކުރިއަށްދާނީ ދައުވާކުރި މީހުންގެ ތެރެއިން 95 ޕަސެންޓް މީހުން މި ހައްލަށް އެއްބަސްވާ ނަމަ އެވެ. އަދި މި ފައިސާ ލިބޭނީ މިހާތަނަށް ކޯޓަށް ހުށަހަޅާފައިވާ މައްސަލަތަކަށް އެކަންޏެވެ.
މި އެއްބަސްވުމަށް އާދެވުނީ، ދައުވާކުރާ ފަރާތްތަކަށް ސައިންޓިފިކް ހެކި ހުށަނޭޅޭ ނަމަ މައްސަލަ އެއްކޮށް ބާތިލުކުރާނެ ކަމަށް ފަނޑިޔާރު ވިދާޅުވުމާ ގުޅިގެންނެވެ.
ޖޯންސަން އެންޑް ޖޯންސަންއާ ދެކޮޅަށް ވޭތުވެދިޔަ ދިހަވަރަކަށް އަހަރު މި ދައުވާތައް ހުށަހަޅަމުން ދިޔަ ފަރާތްތަކުން ބުނަމުން ދިޔައީ، ބޭބީ ޕައުޑަރުގައި ކެންސަރަށް މަގުފަހިކުރާ ”އެސްބެސްޓޯސް“ އެކުލެވޭ ކަމަށެވެ. ނަމަވެސް ކުންފުނިން އަދިވެސް ބުނަމުންދަނީ އެ މީހުންގެ އުފެއްދުންތަކަކީ ރައްކާތެރި ތަކެތި ކަމަށާއި އެއްވެސް ގޯހެއް ހަދާފައިނުވާނެ ކަމަށެވެ. ނަމަވެސް ގާނޫނީ ޕްރެޝަރުތަކާ ހުރެ 2023 ވަނަ އަހަރުން ފެށިގެން އެ ކުންފުނިން ވަނީ ޓެލްކް ޕައުޑަރު ދުނިޔޭގެ ބާޒާރުން އެއްކޮށް ހުއްޓާލައި، ކޯންސްޓާޗް ބޭނުންކޮށްގެން ފުށް އުފައްދަން ފަށައިފައެވެ.



