އިންޑިއާގައި ޒުވާނުންތަކެއް ނުކުމެ ދާދިފަހުން ހިންގި މުޒާހަރާތަކަށްފަހު، ސޯޝަލް މީޑިއާ އާއި ޑިޖިޓަލް ޕްލެޓްފޯމްތައް ރެގިއުލޭޓްކުރުމާ ގުޅޭގޮތުން ސުވާލުކުރުމަށްޓަކައި މެޓާ، ގޫގުލް، އެކްސް އަދި ސުނެޕްޗެޓްގެ އިތުރުން އިންޑިއާގެ އައިޓީ މިނިސްޓްރީ އާއި ހޯމް މިނިސްޓްރީގެ އިސް ވެރިން، އަންނަ މަހުގެ ތިން ވަނަ ދުވަހު ބައްދަލުވުމަކަށް ހާޒިރުވުމަށް އިންޑިއާގެ ގާނޫނުހަދާ މަޖިލީހުގެ ކޮމިޓީއަކުން އަންގައިފިއެވެ.
މި ކޮމިޓީގެ ބައްދަލުވުން ތާވަލުކޮށްފައިވަނީ ނީޓް އިމްތިހާނުގެ ކަރުދާސް ލީކުވި މައްސަލައިގައި ޖަންތަރް މަންތަރްގައި ދަރިވަރުން ކުރި މުޒާހަރާތަކަށް ތާއީދު ހޯދުމަށް ސޯޝަލް މީޑިއާ، ހާއްސަކޮށް އިންސްޓަގްރާމް ފުޅާދާއިރާއެއްގައި ބޭނުންކޮށްފައި ވަނިކޮށެވެ.
ދަރިވަރުން ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ޕްރޮމޯޓްކޮށް ވަރުގަދައަށް ކުރި މުޒާހަރާ 36 ދުވަސް ފަހުން ހުއްޓާލީ ސަރުކާރުން ދަރިވަރުންގެ މައިގަނޑު ޑިމާންޑުތައް ގަބޫލުކޮށް، އެޑިއުކޭޝަން މިނިސްޓަރު ދަރްމެންދުރަ ޕްރަދާން އިސްތިއުފާ ދެއްވުމުން، މިދިޔަ ހޮނިހިރު ދުވަހުއެވެ.
އިއްޔެ ނެރުނު ނޯޓިސްގައިވާ ގޮތުން، މަޖިލިސް ކޮމިޓީގެ މައިގަނޑު އެޖެންޑާއަކީ އިންފޮމޭޝަން ޓެކްނޮލޮޖީ މިނިސްޓްރީ އާއި ހޯމް މިނިސްޓްރީގެ މަސްއޫލުވެރިންގެ ފަރާތުން މައުލޫމާތު ހޯދުމާއި ސްނެޕްޗެޓް، ގޫގުލް، އެކްސް، އަދި މެޓާ (ފޭސްބުކް އަދި އިންސްޓަގްރާމް) ގެ މަންދޫބުން ސޯޝަލް އަދި ޑިޖިޓަލް ޕްލެޓްފޯމްތަކާއި އެ ތަންތަން ރެގިއުލޭޓްކުރާ ގޮތް އޮޅުންފިލުވުމެވެ.
މަޖިލީހުގެ ކޮމިއުނިކޭޝަންސް އެންޑް އިންފޮމޭޝަން ޓެކްނޮލޮޖީ ކޮމިޓީގެ މުގައްރިރު، ބީޖޭޕީގެ މެންބަރު ނިޝިކާންތު ދުބޭ ވިދާޅުވީ، ސޯޝަލް މީޑިއާ ކުންފުނިތައް ހާޒިރުކުރަނީ ބޭނުންކުރާ ފަރާތްތަކުގެ ޕްރައިވެސީ ރައްކާތެރިކުރާ ގޮތާއި، ގައުމުގެ އަމަންއަމާންކަން ހިފެހެއްޓުމަށް އެ ކުންފުނިތަކުން އެހީތެރިވާ ގޮތް ސާފުކުރަން ކަމަށެވެ.



