ރަތް ކަނޑުގައި އޮތް ސައުދީ އަރަބިއްޔާގެ އުޅަނދަކަށް ހޫޡީއިން ދިން ހަމަލާ ރާއްޖެއިން ކުށްވެރިކޮށްފިއެވެ.
އެ ހަމަލާ ކުށްވެރިކޮށް ރާއްޖޭގެ ފޮރިން މިނިސްޓްރީ އިން އިއްޔެ ނެރުނު ބަޔާނެއްގައި ވަނީ މިިފަދަ ހަމަލާއަކީ ބައިނަލްއަގްވާމީ ކަނޑުދަތުރުދަތުރުގެ މިނިވަންކަމާއި ރައްކާތެރިކަމާއި ސަލާމަތަށް އޮތް ނުރައްކަލެއްގެ ގޮތުގައި ރާއްޖެއިން ދެކޭ ކަމަށެވެ.
މިއީ ދުނިޔޭގެ ހަކަތައިގެ ވަޞީލަތްތައް ފޯރުކޮށްދިނުމުގައި މުހިއްމު ދައުރެއް އަދާކުރާ ރަތްކަނޑާއި ބާބު އަލްމަންދަބު ކަނޑުއޮޅީގެ ހަމަޖެހުން ނަގާލައި، ދުނިޔޭގެ އިޤްތިޞާދަށާއި ހަކަތައިގެ ސަލާމަތަށް އަދި ސަރަޙައްދީ ހަމަޖެހުމަށް ނޭދެވޭ އަސަރުތަކެއް ކުރާނެ ނުރައްކާތެރި ހަމަލާއެއް ކަމަށް ވެސް އެ ބަޔާނުގައިވެއެވެ. އަދި އދ. ގެ ސެކިއުރިޓީ ކައުންސިލްގެ ގަރާރުތަކާއި ކަނޑުގެ ގާނޫނާ ބެހޭ އދ. ގެ މުއާހަދާ އިން ބައިނަލްއަގްވާމީ ގާނޫނުތައް ތަންފީޒުކުރުން ކަށަވަރުކުރުމަށް ވެސް ގޮވާލާފައިވެއެވެ.
މީގެ އިތުރުން ދިވެހި ސަރުކާރާއި ރައްޔިތުން ސައުދީ އަރަބިއްޔާގެ ސަރުކާރާއި އެ ގައުމުގެ ރައްޔިތުންނާ އެކު ފުރިހަމަ ސާބިތުކަންމަތީގައި ތިބި ކަމަށާއި ސައުދީގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމަށް އެ ގައުމުން އަޅާ ކޮންމެ ފިޔަވަޅަކަށް ރާއްޖެއިން ތާއީދުކުރާނެ ކަމުގެ ޔަގީންކަން ދޭ ކަމަށް ވެސް ބުނެފައިވެއެވެ.
ރަތް ކަނޑުގައި އޮތް ސައުދީގެ އުޅަނދަކަށް ހަމަލާ ދީފައިވާއިރު ސައުދީ އަރަބިއްޔާގެ އިރުމަތީ ޕްރޮވިންސްއާއި ރިޔާޟްގެ ތެޔޮ އުފައްދާ މަރުކަޒުތަކަށް އަމާޒުކޮށް ދިން ޑްރޯން ޙަމަލާ ދީފައިވެއެވެ. ޑްރޯން ހަމަލާ ވެސް ރާއްޖެއިން ވަނީ ކުށްވެރިކޮށްފައިވެއެވެ.



