ރާއްޖެއަށް ބޭނުންވާ ބޭހާއި، ބޭހުގެ އަދަދު ދެނަގަނެވިއްޖެނަމަ އުކާލަންޖެހޭ ބައި މަދުކުރެވޭނެކަމަށް، ސަރުކާރުގެ ބޭސް ކުންފުނި، ސްޓޭޓް ފާމަސޫޓިކަލްސް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ ޑރ. ޝާހު މާހިރު ވިދާޅުވެއްޖެއެވެ.
ޑރ. ޝާހު މިފަދައިން ވިދާޅުވީ ދިވެހިރާއްޖޭގެ އަޑުން ގެނެސްދޭ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުންނެވެ.
ސަރުކާރުން ވަނީ ރާއްޖެއަށް ބޭސް އެތެރެކުމުގެ މަސައްކަތް ކުރުމަށްޓަކައި ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން އުފައްދައި، އެ މަސައްކަތް އެކުންފުންޏާ ހަވާލުކޮށްފައެވެ. އަދި އެސްޓީއޯއިން ހިންގަމުން އައި 193 ފާމަސީއެއް ސްޓޭޓްފާމާގެ ދަށަށް ބަދަލުކޮށް ބޭސް ރާއްޖެއަށް އެތެރެކުރުމުގެ މަސައްކަތް ވަނީ ފަށާފައެވެ.
ޑރ. ޝާހު ވިދާޅުވީ ރާއްޖެއަށް ބޭނުންވާ ބޭހާއި ބޭނުންވާ ބޭހުގެ އަދަދު ދެނެގަނެ ކުރިއާލާ ބޭހަށް އޯޑަރު ޖަހައިފިނަމަ އެ ބޭހުގެ މުއްދަތު ހަމަވާ ތާރީޚް ވެސް ދިގުމުއްދަތަކަށް ލިބިގެންދާނެކަމަށެވެ. އެގޮތުން 1 އަހަރަށް ނުވަތަ 2 އަހަރަށް މުއްދަތު ހަމަވާ ބޭސް ދުރާލާ ގެނެވިއްޖެނަމަ މުއްދަތު ހަމަވާ ބޭހުގެ އަދަދުވެސް ކުޑަވަގެންދާނެކަމަށް ވިދާޅުވިއެވެ.
ބައެއް ތަފާސްހިސާބުތަކަށް އަލިއަލުވާލައްވަ ޑރ. ޝާހު ވިދާޅުވީ ރާއްޖޭގައި މުއްދަތު ހަމަވެގެން އުކާލާ ބޭސް %10އާއި %20 އާ ދެމެދެއްގައި އުޅޭކަމަށެވެ. ނަމަވެސް ބޭހުގެ ކަންކަން ގާތު ބަލާ ފޯކާސްޓް ރަނގަޅުކުރެވިއްޖެނަމަ އުކާލަންޖެހޭ ބޭހުގެ ބައި މަދުވެގެންދާނެކަމަށެވެ.
”ސިއްޙީ ޚިދުމަތް ދޭ ފަރާތްތަކާއެކު ގާތުން މަސައްކަތްކޮށްފިނަ ރާއްޖެއަށް ބޭނުންވާ ބޭސްތައް ރައްޖޭގައި ބެހެއްޓޭނެ ގޮތް ހެދޭނެ.
ރާއްޖެއަށް ބޭނުންވާ އަސާސީ ބޭސްތައް ދުރާލާ ގެނެވޭނަމަށް އެ ހުސްނުވެ ހުންނާނެ“ ސްޓޭޓް ސްޓޭޓް ފާމަސޫޓިކަލްސް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ ޑރ. ޝާހު މާހިރު ވިދާޅުވިއެވެ.



