މާލޭގެ އުތުރުފަރާތު ބޮޑުތަކުރުފާނު މަގު ފުޅާކޮށް މަރާމާތުކުރުމުގެ މަސައްކަތް ނިމުމާ ގުޅިގެން، އެ ސަރަހައްދުގެ ދަތުރުފަތުރުގެ ނިޒާމު ކުރިއެކޭ އެއްގޮތަށް އާންމު ހާލަތަށް ގެނެސް، ބަސް ދަތުރުތައް ވެސް މިއަދު ފަށައިފިއެވެ.
މި މަސައްކަތް ނިމުމާއެކު އާރް.ޓީ.އެލް ބަހުގެ ޚިދުމަތަށް ގެނެވުނު ވަގުތީ ބަދަލުތައް އުވާލައި، ކުރިން ދަތުރުކުރި ރޫޓުތަކަށް ބަސްތައް ބަދަލުކުރުމަށް ވަނީ ނިންމާފައެވެ.
އެމް.ޓީ.ސީ.ސީ އިން ހާމަކޮށްފައިވާ ގޮތުގައި، އާރް.ޓީ.އެލް މާލޭ ބަހުގެ ޚިދުމަތުގައި ހިމެނޭ ޜ10 (އޯކިޑް ރޫޓު) އަދި ޜ12 (ސޯސަން ރޫޓު) ގެ ދަތުރުތައް ދެން ކުރިއަށްދާނީ ބޮޑުތަކުރުފާނު މަގުންނެވެ. މި ދެ ރޫޓުގެ ބަސްތައް ކުރީގެ ތާވަލާ އެއްގޮތަށް ބޮޑުތަކުރުފާނު މަގުން ދަތުރުކުރަން ފަށާނީ މިއަދުން ފެށިގެން ކަމަށް އެ ކުންފުނިން މަޢުލޫމާތު ދެއެވެ.
މި ބަދަލާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން އެ ކުންފުނީގެ ހޮޓްލައިން ނަންބަރު 1650 އަށް ގުޅުއްވުމަށް ވަނީ އެދިފައެވެ.
މާލޭގެ އުތުރު ފަރާތު ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ތަރައްގީކުރުމަށް ކުރިއަށްގެންދާ މަޝްރޫއުގެ ދަށުން ސެގްމެންޓް ދެއަކުން ފެށިގެން ފަހަކާ ހަމައަށް ހިމެނޭ ސަރަހައްދުގެ މަސައްކަތް ނިމިފައިވާތީ، އެ ސަރަހައްދު އާންމު ދަތުރުފަތުރަށް ހުޅުވާލީ ހުކުރު ދުވަހުގެ ހަވީރުއެވެ.
މަގު ހުޅުވާލުމާއެކު، ކަނޑައެޅިފައިވާ ޕާކިން ޒޯންތައް ފިޔަވައި އެހެން ތަންތަނުގައި އުޅަނދުތައް ޕާކް ނުކުރުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ. ގަވާއިދާ ޚިލާފަށް ޕާކުކުރާ އުޅަނދުތަކާމެދު ފިޔަވަޅު އަޅަމުން ދާނެ ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.




