ރާއްޖޭގެ ފަޅުރަށްރަށާއި ފަޅުތައް އެކި ބޭނުންތަކަށް ކުއްޔަށް ދިނުމާއި، އެފަދަ ތަންތަން ބޭނުންކުރުމާ ގުޅޭ ހަރުދަނާ އުސޫލުތަކެއް ކަނޑައެޅުމަށްޓަކައި ”ފަޅުރަށާއި ފަޅު ކުއްޔަށް ދިނުމާ ބެހޭ ބިލު“ ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.
މިއަދުގެ މަޖިލިސް ޖަލްސާގައި އެ ބިލު ހުށަހެޅުއްވީ ވެރިކަން ކުރާ ޕާޓީ، ޕީއެންސީގެ ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުالله ހިލްމީ އެވެ. އޭނަ ހުށަހެޅުއްވި ބިލުގެ ފުރަތަމަ ކިޔުން އިއްވާފައިވާ އިރު، 8 ބާބުގެ މައްޗަށް އެކުލެވޭ ބިލުގައި 75 މާއްދާ ހިމަނާފައިވެއެވެ.
އެ ބިލުގައި ފަޅުރަށްރަށާއި ފަޅުތައް އެކި ބޭނުންތަކަށް އެކަށައެޅުމުގެ ބާރު ދީފައި އޮތީ ރައީސުލްޖުމްހޫރިއްޔާ އަށެވެ. އަދި ކުއްޔަށް ދޫކުރެވޭނެ މުއްދަތެއްގެ ގޮތުގައި ހިމަނާފައި އޮތީ 21 އަހަރެވެ. އެ މުއްދަތު 50 އަހަރަށް އިތުރުކުރުމުގެ އިހުތިޔާރު މިނިސްޓްރީތަކާއި ކައުންސިލްތަކަށް ލިބެއެވެ.
ފަޅުރަށްރަށް ކުއްޔަށް ދޫކުރެވޭނީ ފަތުރުވެރިކަމާއި، ސިނާއީ ބޭނުންތަކާއި، މަސްވެރިކަމާއި، ދަނޑުވެރިކަމާއި، އިގުތިސޯދީ އެހެނިހެން ބޭނުންތަކާއި، އިޖުތިމާއި ބޭނުންތަކާއި ދައުލަތުގެ ބޭނުމަށް ކަމަށް ބިލުގައި ބަޔާންކޮށްފައިވެއެވެ. އަދި ސިނާއީ އަދި އިގުތިސޯދީ ބޭނުމަށް ދޫކުރާ ރަށްރަށުގެ ކުއްޔަކީ އަކަމީޓަރަކަށް އަހަރަކަށް 3ރ. އެވެ. މަސްވެރިކަމާއި ދަނޑުވެރިކަމުގެ ބޭނުމަށް ދޫކުރާ ރަށްރަށުގެ ކުއްޔަކީ އަކަމީޓަރަކަށް 2.50ރ. އެވެ. އަދި އިޖުތިމާއީ ބޭނުމަށް ދޫކުރާ ރަށްރަށުގެ ކުއްޔަކީ އަކަމީޓަރަކަށް 2ރ. އެވެ.
ފަޅު ކުއްޔަށް ދޫކުރެވޭނީ ލާޖް-ސްކޭލް ސިނާއީ މަސައްކަތްތަކާއި، މީޑިއަމް-ސްކޭލް ސިނާއީ މަސައްކަތްތަކާއި، ލާޖް-ސްކޭލް އިގުތިސޯދީ މަސައްކަތްތަކާއި އެކުއަކަލްޗާ ނުވަތަ އެކުއަކަލްޗާއާ ގުޅުންހުރި ހަރަކާތްތައް ހިންގުމަށް ކަމަށް ބިލުގައިވެއެވެ.
ސިނާއީ އަދި އިގުތިސޯދީ ބޭނުމަށް ކުއްޔަށް ދޫކުރާ ފަޅުގެ ކުއްޔެއްގެ ގޮތުގައި އޮތީ އަކަމީޓަރަކަށް 3ރ. ކަނޑައަޅާފައިވާ އިރު، މަސްވެރިކަމުގެ ބޭނުމަށް ދޫކުރާ ފަޅުތަކުގެ ކުއްޔަކީ އަކަމީޓަރަކަށް 50 ލާރިއެވެ.
ފަޅާއި ފަޅުރަށްރަށް ވިޔަފާރީގެ ބޭނުމަށް ކުއްޔަަށް ދެވޭނީ ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ކުންފުނިތަކާއި، ޕާޓްނާޝިޕްތަކާއި، އަމިއްލަ ފަރުދުންގެ ވިޔަފާރިތަކުގެ އިތުރުން ރީރަޖިސްޓްރީކޮށްފައިވާ ބޭރުގެ ކުންފުނިތަކާއި ޕާޓްނާޝިޕްތަކަށެވެ.
އަދި ރަށްރަށް ކުއްޔަށް ދޫކުރުމަށް ފަހު އެކަމުގެ ތަފްސީލީ މައުލޫމާތު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި އޮޑިޓު އޮފީހާއި ކަމާބެހޭ މިނިސްޓްރީތަކުން ހިއްސާކުރަން ޖެހޭނެ އެވެ. އެ ބިލުގައި ވަނީ ފަސް އަހަރު ދުވަހުގެ މުއްދަތަކަށް ރަށްރަށް ވަރުވާއަށް ލިޔެދެވޭނެ ކަމަށް ވެސް ބަޔާންކޮށްފައެވެ.




