ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ޤާނޫނަށް ގެންނަ އިސްލާހުތަކާއި އެކު ޔުޓީލިޓީ ޚިދުމަތްތަކުގެ ނިޒާމު ބެލެހެއްޓުން މިނިވަންވާނެކަމަށް ރާއްޔިތުންގެ މަޖިލީހުގެ މެންބަރުން ވިދާޅުވެއްޖެއެވެ.
”ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ޤާނޫނަށް“ ގެންނަ އިސްލާހުގައި ޗީފް އެގްޒެކެޓިވް ފިޔަވައި އެހެން މެންބަރުން އެއް ދައުރަށްވުރެ ގިނަ ދައުރަށް އައްޔަން ކުރެވޭނެ ކަމަށް ބުނެފައިވެއެވެ. މިގޮތަށް އައްޔަން ކުރެވޭނީ ބޯޑުން ވަކިކުރާ މެންބަރުން ނޫން އެހެން މެންބަރުން ކަމަށްވެސް ވަނީ ބަޔާންކޮށްފައެވެ. މި އިސްލާހުގައި އިތުރަށް ބުނެފައި ވަނީ ބޯޑުގެ ޖަލްސާގެ ކޯރަމް ހަމަވާނެ ގޮތާއި ބޯޑުގެ ނިންމުންތަކުގައި ޗީފް އެގްޒެކެޓިވްއަށް ވޯޓު ލުމުގެ ޙައްގު ލިބިގެން ނުވާކަމަށެވެ.
”ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ޤާނޫނަށް“ ބަޙުސްކުރައްވަމުން މިލަންދޫ ދާއިރާގެ މެންބަރު ޙަސަން މުފީދު ވިދާޅުވީ، ބޯޑުގެ ނިންމުންތަކުގައި ޗީފް އެގްޒެކެޓިވްއަށް ވޯޓު ނުލެވުމުން، ބޯޑުގެ ނިންމުންތަކަށް ޗީފް އެގްޒެކެޓިވްއަށް އަތްބޭނުމަށް އޮތް ފުރުސަތު އެއްކޮށް ގެއްލިގެންދާނެކަމަށެވެ. އެހެންކަމުން ހިންގުމުގެ ދާއިރާއިން ނިންމާ ނިންމުންތަކަށް ބަސްބުނުމުގެ ބާރު ބޯޑަށް ވަރަށް ފުޅާކޮށް ލިބިގެންދާނެކަމަށް މުފީދު ވިދާޅުވިއެވެ. އަދި ދުވަހުން ދުވަހަށް ކުރާ މަސައްކަތްތައް ހިންގާ ފަރާތާއި ޔުޓިލިޓީ އޮތޯރިޓީއާއި މެދު އޮންނަންޖެހޭ ފަންނީ މިނިވަންކަން މި ބިލުގެ ސަބަބުން ލިބޭނެކަމަށް މެމްބަރު ވިދާޅުވިއެވެ.
”ޗެކް އެންޑް ބެލެންސްގައި ފާރެވެރިވުމުގެ ވަރުގަދަ ނިޒާމެއް ބިނާކުރުން ބިލުން ފަހިކޮށްދޭ. މިއީ އަޅުވެތިކަމުން ސަލާމަތްވުން.“މިލަންދޫ ދާއިރާގެ މެމްބަރު ހަސަން މުފީދު ވިދާޅުވިއެވެ.
ބިލު ހުށަހެޅުއްވި މެމްބަރު ވިލުފުށި ދާއިރާގެ މެންބަރު ހަސަން ވަހީދު ވިދާޅުވީ މި ބިލުގެ މައިގަނޑު ބޭނުމަކީ ޔޫޓިލިޓީ އޮތޯރިޓީގެ ހިންގުން ހަރުދަނާކުރުންކަމަށެވެ. އަދި އިދާރީ އޮނިގަނޑާއި ބޯޑުން ކުރާ ކަންކަން ވަކި ނިޒާމެއްގެ ތެރެއަށް ފެއްތުމާއި، އާއްމު ޚިދުމަތްތައް އެހެނިހެން ޤާނޫނުތަކާއި ފުށުނާރާނެފަދައިން ތަންފީޒުކުރުމަށް މަގުފަހިކޮށްދިނުމަކީ ބިލުގެ މަގްސަދެއްކަމަށް މެމްބަރު ވިދާޅުވިއެވެ.
”މިހާރަށް ވުރެ ހާމަކަން ބޮޑުކޮށް މަސައްކަތްކުރުމަށް ބާރުލިބިގެންދާނެ. ބޯޑު މެމްބަރުން އިތުރުކުރުމަކީ ފަންނީ ލަފާ ހޯދަން އިތުރަށް ހުޅުވޭ ދޮރެއް.“ ވިލުފުށި ދާއިރާގެ މެންބަރު ހަސަން ވަހީދު ވިދާޅުވިއެވެ.



