މާލޭގެ އުސް އިމާރާތްތަކަށް ޕްރެޝަރުގައި ފެން ނުލިބޭ މައްސަލަ ހައްލުކުރަން މާލެ ސިޓީ ކައުންސިލްއިން ނިންމައިފިއެވެ.
ހަފްތާ ބަންދު ދުވަސްތަކާއި ފެން ބޭނުންކުރާ މިންވަރު އިތުރުވާ ޕީކް ގަޑިތަކުގައި މާލޭގެ އުސް އިމާރާތްތަކަށް ފެން ލިބުމުގައި ބޮޑެތި ދަތިތަކެއް ކުރިމަތިވެއެވެ. އަދި ބައެއް ގެތަކަށް އެއްގޮތަކަށްވެސް ފެން ނުލިބޭ ކަމުގެ ޝަކުވާ ވެސް އޮވެއެވެ.
މާލެ ސިޓީ ކައުންސިލްއިން މިއަދު ބޭއްވި ޖަލްސާގައި އެކަން ފާހަގަކޮށް މާލޭގެ ޑެޕިއުޓީ މޭޔަރު މީކާއިލް މުހައްމަދު ރިޔާޒް ވިދާޅުވީ އެއްވަނަ ފްލޯގައި އުޅޭ މީހާއާއި ހަވަނަ ފްލޯގައި އުޅޭ މީހާވެސް އެމްޑަބްލިއުއެސްސީ އަށް ފެނުގެ ޓެރިފް ރޭޓުން ދައްކަނީ އެއްވަރެއް ކަމަށެވެ. ނަމަވެސް، ހަވަނަ ފްލޯއަށް ފެން ފޯރުކޮށްދިނުމަށް ބޭނުންވާ ވަސީލަތްތައް ގާއިމުކުރުމަށް 80،000 އަށްވުރެ ގިނަ ރުފިޔާގެ މާލީ ތަކުލީފެއް އުފުލަން ރައްޔިތުންނަށް މަޖުބޫރުވެފައިވާ ކަމަށާއި، މިއީ މެދުފަންތީގެ އާއިލާއަކަށް އުފުލޭނެ ބުރައެއް ނޫންކަން އޭނާ ފާހަގަކުރެއްވިއެވެ.
އަދި ޑެޕިއުޓީ މޭޔަރު ވަނީ އެ މައްސަލައިގައި އެމްޑަބްލިއުއެސްސީ އާއި ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީއާ ބައްދަލުކުރުމަށް ހުށަހަޅުއްވާފައެވެ. އަދި ސޭފްޓީ މިންގަނޑުތަކަށް ފެތޭ، އަގުހެޔޮ ތިންވަނަ ފަރާތްތަކުގެ ޕަމްޕުތައް ބޭނުންކުރުމުގެ ހުއްދަ ރައްޔިތުންނަށް ދިނުމަށް ބާރުއެޅުމަށްވެސް އޭނާ ހުށަހެޅުއްވިއެވެ.
އެކަމާ ގުޅިގެން މާލޭގެ މޭޔަރު އާދަމް އާޒިމް ވެސް ވަނީ މި މައްސަލައަކީ ރައްޔިތުންނަށް ދިމާވެފައިވާ ނުހަނު ބޮޑު ތަކުލީފެއްކަން ގަބޫލުކުރައްވައި، މިކަމުގައި އަވަސް ހައްލެއް ހޯދުމަށް މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.




