މާލޭ ވިޔަފާރި ބަނދަރުން ދޭ ހިދުމަތްތަކުގެ ބޮޑު ބައެއް ތިލަފުއްޓަށް ބަދަލުކުރި ނަމަވެސް، ބައެއް ހިދުމަތްތައް މާލޭގެ އިންޑަސްޓްރިއަލް ވިލެޖުން ފޯރުކޮށްދޭނެ އިންތިޒާމް ހަމަޖައްސާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރޭގައި ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ ދައުލަތުގެ މީޑިއާއިން ގެނެސްދޭ ”ނޭޝަން ޗެޓް“ ޕޮޑްކާސްޓުގެ އާ އެޕިސޯޑެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެގޮތުން ރައީސް ވިދާޅުވީ ތިލަފުށީގައި ޕޯޓު ތަރައްގީ ކުރުމަކީ ރާއްޖޭގެ އިގުތިސާދު އާ ހަރުފަތަކަށް ގެންދިއުމަށް ކުރާ ވަރަށް މުހިންމު މަސައްކަތެއް ކަމަށެވެ.
ވިޔަފާރި ބަނދަރުން ދޭ ހިދުމަތްތަކުގެ 80 ޕަސެންޓް ތިލަފުއްޓަށް ބަދަލު ކުރާއިރު، ބާކީ މަސައްކަތްތައް ކުރިއަށް ގެންދާނީ މާލޭގެ ހުޅަނގު ދެކުނުން، ތިލަމާލެ ބުރިޖު ނިމޭ ހިސާބުގައި އޮންނަ އިންޑަސްޓްރިއަލް ވިލެޖުގައިކަން ރައީސް ފާހަގަ ކުރެއްވިއެވެ.
ރައީސް ވިދާޅުވީ އެއާ އެކު، ރޯރޯ ފެރީ ނުވަތަ ކޮޅުވެއްޓިތައް މެދުވެރިކޮށް ކޮންޓެއިނަރުތައް އެއްތަނުން އަނެއްތަނަށް ގެންދިއުމުގެ ކަންކަން ވެސް ކުރިއަށް ގެންދާނީ މާލޭގެ އެތެރެއަށް ދަތިނުވާ ގޮތަށް ކަމަށެވެ.
ޕޯޓުގެ މައިބަދައަކަށް ވާނީ ޑިޖިޓަލައިޒްޑް ނިޒާމެއް ކަމަށާއި އަދި އަމިއްލަ ވިޔަފާރިތަކަށް ވެސް ބޮޑެތި ލުއިތަކެއް ދީގެން ތިލަފުއްޓާއި މާލޭގެ އިންޑަސްޓްރިއަލް ވިލެޖުގައި ޕޯޓް ހިންގާ ސަރަހައްދުތަކުގައި ފިހާރަތައް ހުޅުވުމުގެ ހުރިހާ ކަމެއް މަގުފަހިކޮށްދޭނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
”އިރާދަކުރެއްވިޔާ މި އަންނަ އަހަރު ނޮވެމްބަރު މަހު 11 ގައި އަޅުގަނޑުމެން މާލޭގެ ޕޯޓް އޮޕަރޭޝަން ދާއިމީ ގޮތެއް (ތިލަފުއްޓާއި އިންޑަސްޓްރިއަލް ވިލެޖަށް) ބަދަލުކުރާނެ،“ ރައީސް މުޢިއްޒު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ޖާގަ ބޮޑު ތަނަކަށް ޕޯޓު ބަދަލުކުރުމާ އެކު ޕޯޓުގެ ހިދުމަތް ހޯދާ މީހުންނާއި އާންމުންނަށް ވެސް އިންތިހާއަށް ބޮޑު ފަސޭހައަށް ލިބޭނެ ކަމަށެވެ. އަދި މުދާ ލޯޑް ކުރުމާއި އަންލޯޑް ކުރުމާއި މުދާ ވިއްކުމަށް ވެސް ބޮޑު ފަސޭހައެއް ލިބޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.




