ގައުމުގެ އިޤްތިޞާދީ ކުރިއެރުމާއި، ޑިޖިޓަލް އަދި ފަންނިއްޔާތުގެ ކުރިއެރުންތަކާއި، ބައިނަލްއަޤުވާމީ ގުޅުންތަކުގެ ނާޖާއިޒު ފައިދާ ނަގައި، އިންސާނުންނަށް ލިބޭ އަނިޔާތަކާއި ތަކުލީފުތަކުން ނަފާ ހޯދުމުގެ ފުރުޞަތު އެއްވެސް ފަރާތަކަށް ނުދިނުމަށްޓަކައި، މުޖުތަމަޢުގެ އެކި ފަންތިތަކުގެ ޖަމްޢިއްޔާތަކާއި، ވަޒީފާދޭ ފަރާތްތަކާއި، ޤާނޫނު ތަންފީޛުކުރާ މުއައްސަސާތަކުގެ އިތުރުން ހުރިހާ ރައްޔިތުންވެސް އަބަދުމެ ސަމާލުވެ ތިބުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގޮވާލައްވައިފިއެވެ.
ރައީސް މުޢިއްޒު މިފަދައިން ވިދާޅުވީ އިންސާނީ ވަގުފާރިއާ ދެކޮޅަށް ފާހަގަކުރާ ބައިނަލްއަޤުވާމީ ދުވަހުގެ މުނާޞަބަތުގައި ފޮނުއްވި މެސެޖުގައެވެ. މި މެސެޖުގައި، އިންސާނީ ކަރާމާތާއި، މިނިވަންކަމާއި، އަސާސީ ޙައްޤުތައް ޙިމާޔަތްކުރުމަށް ބައިނަލްއަޤުވާމީ މުޖުތަމަޢުން ކުރާ މަސައްކަތުގައި ދިވެހިރާއްޖެ ސާބިތުކަމާއެކު ދެމިއޮންނާނެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި މި އަހަރުގެ ޝިއާރު ކަމަށްވާ ”ޓްރެޕްޑް ބިހައިންޑް ދަ ސްކޭމް“ އިން ބާރުއަޅަނީ، އިންސާނީ ވަގުފާރީގެ އޮއިވަރު ބަދަލުވަމުންދާ ގޮތަށާއި، ކުށްކުރާ ވިއުގަތަކުން ފަންނިއްޔާތުގެ ބޭނުން ނާޖާއިޒު ގޮތުގައި ހިފަމުންދާ މިންވަރަށް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މިއީ މުޅި ސަރަޙައްދަށްވެސް ކުރިމަތިވެފައިވާ ބޮޑު ގޮންޖެހުމެއްކަން ފާހަގަކުރައްވަމުން، އޭގެ ސަބަބުން ނާޒުކު ޙާލަތްތަކުގައި ތިބޭ އެތައް ބަޔަކު ބޮޑެތި ސްކޭމް އޮޕަރޭޝަންތަކުގެ މަޅީގައި ޖެހި، މަޖުބޫރުން ކުށްތަކަށް އަރައިގަންނަން ޖެހޭ ޙާލަތަށްދާކަން އެމަނިކުފާނު ބަޔާންކުރެއްވިއެވެ.
ދިވެހިރާއްޖެއަކީ ބައިނަލްއަޤުވާމީ ބައިވެރިވުންތަކާއި އެކި ދާއިރާތަކުގެ މަސައްކަތްތެރިންގެ މައްޗަށް އިޤްތިޞާދު ބިނާވެފައިވާ ޤައުމަކަށްވާއިރު، ރާއްޖޭގެ ބޯޑަރުގެ އެތެރޭގައި އުޅޭ ކޮންމެ މީހެއްގެވެސް އިންސާނީ ޙައްޤުތަކާއި ކަރާމާތް ރައްކާތެރިކުރުމަށް ސަރުކާރުން އިސްކަންދޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.
އެގޮތުން، މި ޒިންމާ އަދާކުރުމަށްޓަކައި މި ސަރުކާރުން ހަރުދަނާ ފިޔަވަޅުތަކެއް އަޅާފައިވާކަން ފާހަގަކުރައްވައި، ސައްޙަނޫން ވަރކް ޕާމިޓްތަކުގެ މައްސަލަ ހައްލުކޮށް، ބިދޭސީ މަސައްކަތްތެރިންގެ ބަޔޯމެޓްރިކް ޑޭޓާ އެއްކުރުމުގެ މަސައްކަތް ހަރުދަނާކުރުމަށް ހިންގާ އޮޕަރޭޝަން ކުރަނގި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، މީހުން ޓްރެފިކްކުރުން ހުއްޓުވުމުގެ ޤާނޫނުގެ ދަށުން އެކުލަވައިލި މީހުން ޓްރެފިކްކުރުން ހުއްޓުވުމާ ގުޅޭ ފުރަތަމަ ގައުމީ އެކްޝަން ޕްލޭނާއި، ރާއްޖޭގައި އިންސާނީ ވަގުފާރިއާ ދެކޮޅަށް ކުރެވޭ މަސައްކަތްތަކުގެ ފުރަތަމަ އަހަރީ ރިޕޯޓް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުން ފަދަ ބޮޑެތި އިޞްލާޙުތައް ގެންނަވާފައިވާކަން ރައީސް މުޢިއްޒު ފާހަގަކުރެއްވިއެވެ. އަދި ސިޔާސަތު ކަނޑައަޅާ ފެންވަރުގައި ޓްރެފިކްކުރުމާ ގުޅޭ ކަންކަން ވިލަރެސްކުރާ ކޮމިޓީ އަލުން އެކުލަވައިލައްވައި، އަނިޔާ ލިބޭ މަސައްކަތްތެރިންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް މައިގްރެންޓް ވަރކަރސް ރިސޯސް ސެންޓަރާއި މައިގްރެންޓް ކަނެކްޓް ޕޯޓަލް ޤާއިމުކޮށްފައިވާކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.



