ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހިފައިވާއިރު، އެންމެ ގިނައިން ވާރޭ ވެހުނުކަމަށް ރެކޯޑް ކުރެވިފައިވަނީ ހުޅުމާލެއަށް ކަމަށް މޫސުމާބެހޭ ޤައުމީ އިދާރާގެ ރިކޯޑްތަކުން ދައްކައިފިއެވެ.
މިއީ ރާއްޖޭގެ އެކި ސަރަހައްދުތަކަށް މޫސުން ގޯސް ދުވަސްވަރެއް ކަމަށާއި، މި ހަފްތާ ބަންދުގައިވެސް މޫސުން ގޯސްވާނެކަމަށް މެޓް އޮފީހުން ވަނީ ލަފާކޮށްފައެވެ.
މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ހާމަކުރި ތަފާސްހިސާބުތަކަށް ބަލާއިރު، ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ހުޅުމާލެއަށް 84.2 މިލިމީޓަރުގެ ވާރޭ ވެހިފައިވެއެވެ. ދެވަނައަށް އެންމެ ގިނައިން ވާރޭ ވެހުނުކަމަށް ރެކޯޑް ކުރެވިފައިވަނީ ބ. ދަރަވަންދޫއަށެވެ. އެ ރަށަށް 83.5 މިލިމީޓަރުގެ ވާރޭ ވެހިފައިވާއިރު، ތިންވަނައަށް އެންމެ ގިނައިން ވާރޭ ވެހިފައިވަނީ ސ. ހިތަދޫއަށެވެ. އެއީ 70.6 މިލިމީޓަރުގެ ވާރޭއެވެ. އަދި މި މުއްދަތުގެ ތެރޭގައި އެންމެ މަދުން ވާރޭ ވެހުނުކަމަށް ރެކޯޑް ކުރެވިފައިވަނީ ހދ. ކުޅުދުއްފުއްޓަށެވެ. އެއީ 6.6 މިލިމީޓަރުގެ ވާރޭއެވެ.
މޫސުމާއި ބެހޭ ގައުމީ އިދާރާއިން ވިދާޅުވީ ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައަކީ ހުޅަނގު މޫސުމުގެ ވިއްސާރަކަމަށެވެ. ރާއްޖޭގެ އުތުރާއި އިރުދެކުނުގައި އުފެދިފައިވާ ”ލޯ ޕްރެޝަރ ޓަރަފް“ އެއްގެ ސަބަބުން، ހުޅަނގު ފަރާތުގައި ގިނަ އަދަދަކަށް ބޯ ވިއްސާރަވިލާ އުފެދެމުންދާކަން އެ އިދާރާއިން ވަނީ ފާހަގަކޮށްފައެވެ.
މި ވިއްސާރައާ ގުޅިގެން ކަނޑުދަތުރުފަތުރުކުރައްވާ ފަރާތްތަކުން މޫސުމަށް ވަރަށް ބޮޑަށް ސަމާލުވުމަށް މެޓް އޮފީހުން ވަނީ އިލްތިމާސްކޮށްފައެވެ. އަދި ވައިގަދަވުމުގެ ސަބަބުން ސިނަމާލެ ބްރިޖް އަދި ހައިވޭގައި އުޅަނދު ދުއްވާ ފަރާތްތަކުންވެސް އެކަމަށް ސަމާލުވުމަށާއި، ބާރު ސްޕީޑްގައި އުޅަނދުތައް ނުދުއްވުމަށް ފުލުހުން ވަނީ އިރުޝާދު ދީފައެވެ.




