މުޅި ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި މޫސުން ގޯސްވުމުގެ ސަބަބުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އަށް ފްލައިޓްތައް ޖެއްސުމަށް ބޮޑެތި ދަތިތަކަކާ ކުރިމަތިވެއްޖެއެވެ.
މޫސުމީ ހާލަތު ހުރިގޮތުން ބައެއްބައެއް އެއާލައިންތައް މިވަގުތު އަންނަނީ އެއާޕޯޓް ސަރަހައްދުގައި ގިނަ ވަގުތު ވައިގެ ތެރޭގައި ދުއްވަމުންނެވެ. މީގެ ތެރޭގައި އެއިރޯފްލޮޓް، ގަތަރު އެއާވޭސް، ސްރީލަންކަން އެއާލައިންސް، އިންޑިގޯ އަދި ފިޓްސް އެއާ ހިމެނެއެވެ.
މީގެ އިތުރުން، ދުބާއީން މާލެއަށް ދަތުރުކުރި ފްލައި ދުބާއީގެ ފްލައިޓް، މޫސުން ގޯސްވުމުގެ ސަބަބުން މިހާރު ވަނީ ސްރީލަންކާގެ ކޮލަމްބޯއަށް މިސްރާބު ބަދަލުކޮށްފައެވެ.
އެއާޕޯޓުގެ މޫސުމީ ރިޕޯޓްތަކުން ދައްކާގޮތުގައި، އެ ސަރަހައްދުގެ ވައިގެ ދުވެލި ގަޑިއަކު 35 ނޮޓަށްވުރެ ބާރުވެފައިވާއިރު، ވާރޭގެ ސަބަބުން ދުރު ފެންނަ މިންވަރު (ވިޒިބިލިޓީ) ވަނީ ވަރަށް ބޮޑަށް ދަށްވެފައެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން ވަނީ މިއަދު ހެނދުނު 11:30 އާ ހަމައަށް ހއ. އަތޮޅުން ފެށިގެން މ. އަތޮޅާ ހަމައަށް ރީނދޫ ސަމާލު ނެރެފައެވެ. މެޓް އޮފީހުން ލަފާކުރާ ގޮތުގައި މި ވަގުތުތަކުގައި ބޯކޮށް ވާރޭވެހި، ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެއެވެ.
އަދި ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައިގަދަވެ ކަނޑުތައް ވަރަށް ގަދަވާނެ ކަމަށްވެސް ލަފާކޮށްފައިވެއެވެ.



