ފެނަކަ ކޯޕަރޭޝަންގެ ފަރާތުން ތ. ވޭމަންޑޫގައި 250.6 ކިލޯވޮޓް ގެ ސޯލާ ޕީވީ ސިސްޓަމެއް ގާއިމުކޮށްފި އެވެ.
މި ސިސްޓެމްތަށް އިންސްޓޯލްކޮށްފައިވަނީ ވޭމަންޑޫ ހާބަރު ސަރަހައްދުގައާއި އެރަށުގެ ސްކޫލް ފުރާޅުގައެވެ. ވޭމަންޑޫގައި ހަރު ކުރި ޕީވީ ސިސްޓަމްއިން އިރުގެ އަލިން ކަރަންޓް އުފައްދައި ކަރަންޓް ވިއުގައާއި ގުޅާލެވުމުން، މިހާރު އެރަށު އިންޖީނުގެ ހިންގަން ބޭނުންކުރާ ޑީސެލްގެ ޚަރަދު ބޮޑުތަނުން ކުޑަވެގެންދާނެއެވެ. އެގޮތުން، މަހެއްގެ މައްޗަށް އެވްރެޖްކޮށް 10،500 ލީޓަރުގެ ޑީސަލް ސަލާމަތްކުރެވޭނެކަމަށް ފެނަކައިން ބުނެފައި ވެއެވެ.
ވޭމަންޑޫގައި ސޯލާ ޕީވީ ސިސްޓެމް ހަރުކޮށްފައިވަނީ، އޭޝިއަން ޑެވެލޮޕްމެންޓް ބޭންކް(އޭޑީބީ) ގެ އެހީގައި ކުރިޔަށްގެންދާ ”އައުޓަރ އައިލޭންޑް ފޮރ ސަސްޓެއިނަބްލް އެނަރޖީ ޑެވެލޮޕްމެންޓް(ޕޮއިސްޑް) ގެ ދަށުންނެވެ. މި ޕްރޮގްރާމްގެ ދަށުން ވޭމަންޑޫގެ އިތުރުން، ތ. އަތޮޅުގެ ބުރުނީ ފިޔަވައި އެހެން ހުރިހައި ރަށެއްގައި އިޔާދަކުރަނިވި ހަކަތައިން ކަރަންޓް އުފެއްދުމުގެ މަސައްކަތް ކުރިޔަށްގެންދާ ކަމަށް ފެނަކައިން ބުންޏެވެ.
ޕޮއިސްޑް ޕްރޮގްރާމް ހިންގަން ފަށާފައިވަނީ 2023ވަނަ އަހަރުގެ މާޗުމަހުގެ ތެރޭގައެވެ. މި ޕްރޮގްރާމްގެ ސަބަބުން އިޔާދަކުރަނިވި ހަކަތަ ބޭނުންކުރާ މިންވަރު އިތުރުވެ، ދެމެހެއްޓެނިވި ގޮތެއްގައި ހަކަތަ އުފެއްދުމުގެ ގާބިލުކަން އިތުރުވެގެންދާނެ އެވެ. އަދި ރާއްޖެއިން ތެލަށް ބަރޯސާވެފައި އޮންނަ އޮތުން ކުޑަކުރުމަށް ބާރަކަށް ވެގެންދާނެއެވެ.



