ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އާ ހަވާލުކޮށްފައިވާ ގިނަ ރަށްތަކެއްގެ ކުނިކޮށި ތަރައްޤީކުރުމުގެ ޢަމަލީ މަސައްކަތް ފެށުމަށް ތައްޔާރުވެފައިވާކަމަށް އެ ކުންފުނިން ހާމަކޮށްފިއެވެ.
ވެމްކޯއާ ޖުމްލަ 34 ރަށެއްގެ ކުނިކޮށި ތަރައްޤީކުރުމުގެ މަސައްކަތް ވަނީ ހަވާލުކޮށްފައެވެ.
ރާއްޖެއަށް ދިމާވެފައިވާ ކުނީގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ކުރިއަށްގެންދާ ވަށާޖެހޭ ނިޒާމުގެ ދަށުން، ކުނިކޮށި ނެތް ރަށްރަށުގައި އެފަދަ މަރުކަޒުތައް ޤާއިމުކުރުމުގެ މަސައްކަތް ދަނީ އެކި ކުންފުނިތަކާ ހަވާލުކޮށްގެން ކުރަމުންނެވެ.
ދައުލަތުގެ މީޑިއާ، ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި ވެމްކޯގެ ޖެނެރަލް މެނޭޖަރ އިސްމާޢީލު އުބައިދު ވިދާޅުވީ، ވެމްކޯއާ ހަވާލުކޮށްފައިވާ 34 ރަށުގެ ތެރެއިން 90 އިންސައްތަ ރަށްރަށުގައި މަސައްކަތް ފެށުމަށް ބޭނުންވާ ތަކެތި މިހާރު މޮބިލައިޒްކުރެވި، އަމަލީ މަސައްކަތް ފެށުމުގެ މަރުޙަލާގައިވާ ކަމަށެވެ.
”ބާކީ ހުރި ރަށްރަށުގައި ދިމާވެފައިވާ މައްސަލައަކީ ލޭންޑްޔޫސްޕްލޭންގައި ކުނިކޮށި ބަހައްޓާނެ ވަކިތަނެއް ނުނިންމި އިނީމަ މަސައްކަތް އަދި ނުފެށޭ. އެހެން ހުރިހާ ރަށެއްގައި މިވަގުތު މިދަނީ މަސައްކަތް ކުރިއަށްގެންދަމުން. އިސްމާޢީލު އުބައިދު ވިދާޅިވިއެވެ.“
މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވުޒާރާއިން ހާމަކޮށްފައިވާ ގޮތުގައި، ރާއްޖޭގެ 129 ރަށެއްގައި ކުނި މެނޭޖުކުރާ މަރުކަޒުތައް ޤާއިމުކޮށް، އަންނަ އަހަރުގެ ޖުލައި މަހުގެ ނިޔަލަށް އެ މަސައްކަތްތައް ނިންމުމަށް ވަނީ އަމާޒު ހިފާފައެވެ.
މި މަޝްރޫޢުގެ ދަށުން އެމްޓީސީސީ، ފެނަކަ، އާރްޑީސީ އަދި ވެމްކޯއާ 110 ރަށެއްގެ މަސައްކަތް ހަވާލުކޮށްފައިވާއިރު، އަމިއްލަ ކުންފުނިތަކާ 19 ރަށެއްގެ މަސައްކަތް ވަނީ ހަވާލުކޮށްފައެވެ.




