ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ތާރީޚުގައި ފުރަތަމަ ފަހަރަށް، 2026 ވަނަ އަހަރުގެ ޖުލައި މަހު ރާއްޖެއިން ބޭރަށް ފޮނުވި ޓްރާންޝިޕްމަންޓް ކާގޯގެ މިންވަރުން އާ ރެކޯޑެއް ގާއިމުކޮށްފިއެވެ.
އެމްއޭސީއެލްއިން ބުނިގޮތުގައި، މިއީ ސީ-ޓު-އެއަރ އަދި އެއަރ-ޓު-އެއަރ އޮޕަރޭޝަންތަކުގެ ދަށުން ހާސިލުކުރެވުނު ބޮޑު ކުރިއެރުމެކެވެ.
މި މުއްދަތުގެ ތެރޭގައި ޓްރާންޝިޕްމަންޓް ކާގޯގެ ޖުމްލަ އަދަދު މަހެއްގެ މައްޗަށް 2,000 ޓަނަށްވުރެ މައްޗަށް ގޮސްފައިވާއިރު، މިއީ އެއަރޕޯޓުގެ ތާރީޚުގައި މިފަދަ މިންވަރަކަށް މުދާ އުފުލި ފުރަތަމަ ފަހަރެވެ.

މި ނަތީޖާއާއެކު މީގެ ކުރިން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ހާސިލުކޮށްފައިވާ ހުރިހާ ރެކޯޑުތަކެއް ވަނީ މުގުރާލާފައެވެ.
ވަކިން ހާއްސަކޮށް ސީ-ޓު-އެއަރ ޚިދުމަތަށް ބަލާއިރު، ޖުލައި މަހު އެކަނިވެސް 621 ޓަނުގެ މުދާ ވަނީ ފޮނުވާފައެވެ. އެމްއޭސީއެލްއިން އިތުރަށް ބުނިގޮތުގައި، މިއީ މި ޚިދުމަތް ތައާރަފުކުރި ފަހުން މަހެއްގެ ތެރޭގައި އެންމެ ގިނައިން މުދާ އުފުލި ފަހަރު ކަމަށެވެ.

މި ކުރިއެރުންތަކުން ދައްކުވައިދެނީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަކީ އޭޝިއާ އާއި ޔޫރަޕްގެ އިތުރުން ދުނިޔޭގެ އެހެން ބޮޑެތި މާކެޓުތައް ގުޅުވައިދޭ ހިންދު ކަނޑުގެ މުހިންމު ލޮޖިސްޓިކްސް މަރުކަޒަކަށް ވަމުންދާ ކަމެވެ.




