ދަނޑުވެރިކަމުގެ ވިޔަފާރިކުރާ ސަރުކާރުގެ ކުންފުނި، އެގްރޯ ނެޝަނަލް ކޯޕަރޭޝަން (އެގްރޯނެޓް) ގެ ޑިރެކްޓަރުންގެ ބޯޑަށް ގދ. ތިނަދޫ، ވިނަވި، ޝަޒުހަތު ލަތީފް މިއަދު އައްޔަންކޮށްފިއެވެ.
ޝަޒުހަތު އެ ކުންފުނީގެ ބޯޑަށް އައްޔަންކުރެއްވީ އެކައުންޓިން އެންޑް ފައިނޭންސިން ދާއިރާގެ މެންބަރެއްގެ ގޮތުގައެވެ.
ޝަޒުހަތަކީ 2017 ވަނަ އަހަރުން ފެށިގެން މިނިސްޓްރީ އޮފް ފައިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިޒަސްގައި ބަޖެޓް އެނަލިސްޓެއްގެ ގޮތުގައި މަސައްކަތް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. އެ މަގާމުގައި އޭނާ ވަނީ ދައުލަތުގެ އަހަރީ ބަޖެޓް އެކުލަވައިލުމާއި، ބޭސްލައިން ބަޖެޓް ވަޒަންކުރުމާއި، ޚަރަދުތައް ދިރާސާކުރުމުގެ އިތުރުން ފިސްކަލް ރިސްކް އެސެސްމަންޓް ހެދުމުގެ ފުޅާ ތަޖުރިބާ ހޯއްދަވާފައެވެ.
މީގެ އިތުރުން، ސަރުކާރުގެ އެކި އިދާރާތަކަށް ބަޖެޓާ ގުޅޭ ލަފައާއި އިރުޝާދު ދެއްވުމުގައި ޝަޒުހަތު މުހިންމު ދައުރެއް އަދާކުރައްވައެވެ. އޭނާއަކީ ’ބަޖެޓް ސްޓެޓިސްޓިކްސް ބުކް‘ އަދި ’ފިސްކަލް ރިސްކް ސްޓޭޓްމަންޓް‘ ފަދަ ދައުލަތުގެ މުހިންމު މާލީ ލިޔެކިޔުންތައް ތައްޔާރުކުރުމުގައި ވެސް އިސްކޮށް އުޅުއްވާ ބޭފުޅެކެވެ.
ތައުލީމީ ގޮތުން ބަލާއިރު، ޝަޒުހަތު ވަނީ ޔުނިވަރސިޓީ އޮފް ބެޑްފޯޑްޝަޔަރއިން ފައިނޭންސްގެ ދާއިރާއިން މާސްޓަރޒް އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން (އެމްބީއޭ) ހާސިލުކުރައްވާފައެވެ.
އަދި ޔުނިވަރސިޓީ އޮފް ދަ ވެސްޓް އޮފް އިންގްލެންޑުން އެކައުންޓިންގ އެންޑް ފައިނޭންސްގެ ދާއިރާއިން ބެޗްލާ އޮފް އާޓްސް (އޮނާސް) ޑިގްރީ ވެސް އޭނާ ވަނީ ފުރިހަމަކުރައްވާފައެވެ.



