އުތުރުގެ ތިން އަތޮޅަކަށް އާރްޓީއެލްގެ ފެރީގެ ޚިދުމަތް ފަށްޓަން ސަރުކާރުން ނިންމައިފި އެވެ.
މިކަން ހާމަކުރެއްވީ މިއަދު ޓްރާންސްޕޯޓް މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު މުހައްމަދު އަމީނެވެ.
މިނިސްޓަރު ވިދާޅުވީ ސަރުކާރުން އާރްޓީއެލް ފެރީ ދަތުުރުގެ ޚިދުމަތް ދެމުން އަންނަ އުތުރުގެ ދެވަނަ ޒޯންގައި ހިމެނޭ ނ. އަތޮޅާއި، ރ. އަތޮޅުގެ އިތުރުން ބ. އަތޮޅުގައި މިއަހަރު ނިމުމުގެ ކުރިން ފެރީގެ ޚިދުމަތް ގާއިމުކުރަން ސަރުކާރުން ނިންމަވާފައި ވާކަމަށެވެ. އަދި ފެރީ ދަތުރުތައް ފަށާނީ ނ އަތޮޅުން ކަމަށާއި، ޖޫން މަހުގެ ތެރޭގައި އެއަތޮޅުގައި ފެރީ ދަތުރު ފެށޭނެކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ، އޮގަސްޓް މަހު ރ އަތޮޅުގައި އަދި ސެޕްޓެމްބަރު މަހުގެ ތެރޭގައި ބ އަތޮޅުގައި އާރްޓީއެލްގެ ޚިދުމަތް ފަށާނެކަމަށެވެ.
މިއަދުގެ ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ އާރްޓީއެލް ދަތުރުތަކުގައި ބޭނުންކުރާ ލޯންޗުގެ ދަތުރުތަކުގެ ރޫޓްތައް ބަދަލުކުރުމުގެ މަސައްކަތް ކުރަމުން އަންނަކަމަށާއި، ބަދަލު ގެންނަނީ މީހުން އެ ދަތުރުތައް ބޭނުންކުރާ ނިސްބަތަށް ބަލައިގެންކަމަށެވެ. ރޫޓްތައް ބަދަލުކުރާއިރު، ލޯންޗް މަޑުކުރާ ބައެއް މަންޒިލްތައްވެސް ދަތުރުކުރާ ފަސިންޖަރުންގެ ނިސްބަތަށް ބަލައި ބަދަލު ގެންނާނެކަމަށް މިނިސްޓަރު ވިދާޅުވި އެވެ.




